"އަފިރިންގެ ކައުންސިލް އަފިންނަށް" ހަރަކާތާއި ރާއްޖެ ޓައިމްސް ގުޅިގެން "އަފިރިންގެ ބަހުސް" ގެ ނަމުގައި ބާއްވާ ބަހުސް މިރޭ އައްޑޫހުޅުދޫގައި ފަށާނެއެވެ.
މި ބަހުސް އަކީ އެޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫހުޅުދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި އައްޑޫމީދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ހިމެނޭހެން ބާއްވާ ބަހުސް އެކެވެ. މިރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އޭގެތެރެއިން ހުޅުދޫ ބަހުސްއެވެ.
ހުޅުދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ ޖުމްލަ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ޓިކެޓްގައި މޫސާ ސިއްދީގާއި އެމްޑީޕީގެ ޓިކެޓްގައި ޖާދު ﷲ ޖަމީލާއި އަމިއްލަ ގޮތުން އިބްރާހިމް އިރުޝާދެވެ. ހުޅުދޫގެ ބަހުސް ފެށުމަށް ހަމަޖެހިފައިވަމީ މިރޭ 2030 ގައި ހުޅުދޫ ސްކޫލުގައެވެ.

މީދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް އޮންނާނީ މާދަމާ ރޭ 0830 ގައި މީދޫގައެވެ.
ބަހުސް ހޯސްޓް ކުރާނީ މިދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އިމާދު ލަތީފެވެ. ބަހުސް އިންތިޒާމްކުރާ ފަރާތުން ވަނީ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް މިހާރު ދައުވަތު ދީފައެވެ. މި ބަހުސް ރާއްޖެ ޓައިމްސް ނޫހުން ލައިވްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.






