އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ހޯނޑެއްދޫ / ފެހިވިނަމާގެ، އަޒުހީމް ސަޢީދު (36އ) އާއި ޏ. ފުވައްމުލައް / ދޫޑިގަން.ގޯލްޑަންގޭޓް، ޢަލީ ޝަފާޒު (31އ) އާއި ސ. ހިތަދޫ / ކުޅިބަލާގެ، މުޙައްމަދު ޖުނައިދު (47އ) އެވެ.
ފުލުހުން ބުނީ މި ތިންމީހުންގެ ތެރެއިން އަޒުހީމް ސަޢީދު (36އ) ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑއާ ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި މީހެއްގެ އަތުން މަކަރާއި ހީލަތުން 3500 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެން ކަމަށާއި، އޭނާ ހައްޔަރުކޮށްފައި ވަނީ މި މާރިޗު މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު، ބަންދު މުއްދަތު ހަމަވާނީ 2026 އެޕްރީލް 27 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ޢަލީ ޝަފާޒު (31އ) ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑއާ ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި މީހެއްގެ އަތުން މަކަރާއި ހީލަތުން 4500 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެން ކަމަށާއި، އޭނާ ހައްޔަރުކޮށްފައި ވަނީ މި މާރިޗު މަހުގެ 27 ވަނަ ދުވަހު ކަމަށް ފުލުހުން ހާމަކުރެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު، ބަންދު މުއްދަތު ހަމަވާނީ 2026 އެޕްރީލް 12 ވަނަ ދުވަހުއެވެ.
އަދި ފުލުހުން ހާމަކުރި ގޮތުގައި މުޙައްމަދު ޖުނައިދު (47އ) ހައްޔަރުކޮށްފައި ވަނީ ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން 29987 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެންނެވެ. މިގޮތުން މި މާރިޗު މަހުގެ 20 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު، އޭނާގެ ބަންދު މުއްދަތު ހަމަވާނީ 2026 އެޕްރީލް 5 ވަނަ ދުވަހުއެވެ.
މި ތިންމައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.







