މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އޮޕަރޭޝަން ދާއިރާގެ މަލްޓި-ޑިސިޕްލިނަރީ ޓީމަކުން ފުވައްމުލަކު ސިޓީ ހޮސްޕިޓަލަށް ދެ ދުވަހުގެ ރަސްމީ ޒިޔާރަތެއް ފަށައިފިއެވެ.
އައިޖީއެމްއެޗުން މިއަދު ހާމަކުރި ގޮތުގައި މި ޒިޔާރަތަކީ މިނިސްޓްރީ އޮފް ހެލްތާއި، ފުވައްމުލަކު ސިޓީ ހޮސްޕިޓަލް އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެން، ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ ދަށުން އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ފުވައްމުލަކަށް މިހާރު ޒިޔާރަތްކުރަމުންދާ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޓީމުގައި ސީނިއަރ ސާޖަނުންނާއި، އެނެސްތީޒިއޮލޮޖިސްޓުން އަދި އޮޕެރޭޝަން ތިއޭޓަރަށް ޚާއްޞަ ތަޖުރިބާކާރު ނަރުހުން ހިމެނެއެވެ.
އައިޖީއެމްއެޗުން ބުނީ މި ޓީމުގެ މައިގަނޑު މަޤްޞަދަކީ، ފުވައްމުލަކު ސިޓީ ހޮސްޕިޓަލްގައި މިހާރު ދެމުންދާ އޮޕެރޭޝަންގެ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ލަފާދިނުން ކަމަށެވެ.
މީގެ އިތުރުން، މި ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ކަންކަން ފާހަގަކޮށް، ޚާއްޞަ ރިޕޯޓެއް އެކުލަވާލައި ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.







