ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިސޮލޭޝަން ފެސިލިޓީއެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިކަމަށްޓަކައި ކުޅުދުއްފުށީގައި ޚާއްސަ ރައްމިއްޔާތެއް ބާއްވާފައިވާއިރު އައިސޮލޭޝަން ފެސިލިޓީގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްހީ ވަޒީރު އަބްދުއްﷲ ނާޒިމް އިބްރާހިމްއެެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓު ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްބޭފުޅުންނާއި ކުޅުދުއްފުށީ ހޮސްޕިޓަލްގެ އިސްބޭފުޅުންގެ އިތުރުން ދާއިރާގެ މަޖިލިސް މެމްބަރުން ވަނީ ބައިވެރިވެފައެވެ.
ސިއްހީ ދާއިރާއިން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމް، އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމްކުރުމަށް އަލްޓެކް މޯލްޑިވްސްއާއެެކު 14 ފެބްރުއަރީގައި ވަނީ ސޮއިކޮށްފައެވެ.
މިމަސައްކަތަކީ އޭޝިއަން އިންފްރާ ސްރަކްޗަރ އިންވެސްޓު ބޭންކިން ފައިނޭންސްކޮށްގެން ސިއްހީ ވުޒާރާއިން ކުރިއަށްގެންދާ މޯލްޑިވްސް ކޮވިޑް-19 އިމަރޖެންސީ ރެސްޕޯންސް އެންޑް ސިސްޓަމް ޕްރިޕެއާރޑްސް ޕްރޮޖެކްޓުގެ ދަށުން މި ހޮސްޕިޓަލުގައި އިމާކުރާ ފެސިލިޓީއެކެވެ. މީގެ އިތުރުން ޕްރައިވެޓް ރޫމާއި 800 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހިމެނޭހެން ޤާއިމްކުރެވޭ ކޮންވަރޓިބަލް ކަރަންޓީނު ފެސިލިޓީއެއް މިފެސިލިޓީގައި ހިމެނެއެވެ.







