ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ކުރާ މަސައްކަތަށް ބަޔަކު ހުރަސްއަޅަމުންދަނީ ގައުމަށް ގެއްލުންދިނުމުގެ ނިޔަތުގައި ކަމަށް ހިތާދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސިރުހާނު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ސިރުހާނު ވިދާޅުވީ، ރިޔާސީ ނިޒާމު އޮންނަ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އާންމު އުސޫލެއް ކަމަށެވެ. އަދި ރާއްޖޭގައިވެސް އެގޮތަށް އެކަން ބަދަލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެކަން ފާހަގަކުރައްވަމުން ސިރުހާނު ވިދާޅުވީ، "ކަމުގެ ހަގީގަތް އޮޅުވައި ބަޔަކު މިކަމާ ދެކޮޅުހަދަނީ ކަނޑައެޅިގެން މިގައުމަށް ގެއްލުން ދިނުމަށް" ކަމަށެވެ.
އިންތިހާބުތައް އެއްކޮށްލުމުގެ ބަހުސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގަދަވެފައިވާއިރު، ސަރުކާރަށް ތާއީދުކުރާ މެމްބަރުން އަންނަނީ މިއީ އިގްތިސާދީ ގޮތުންނާއި އިދާރީ ގޮތުން ގެނައުން މުހިންމު ބަދަލެއް ކަމަށް ބުނަމުންނެވެ.
ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މިގޮތުން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ ދުވަހު މި ވޯޓަށް އެހުމަށްވެސް ވަނީ ނިންމާފައެވެ.






