ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ޤާއިމްކޮށްފައިވާ އެ ޕާޓީގެ ހެންވޭރު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ މިރޭ ހުޅުއްވައިދެއްވައިފިއެވެ.
މި ޖަގަހަ ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މެޑަމް ސާޖިދާގެ އަރިހުގައި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި މިފަހަރުގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާހް އާއި ޕާޓީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް އާއި ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް އިންތިޚާބުތަކުގައި ވާދަކުރައްވާ އެހެނިހެން ބައެއް ކެންޑިޑޭޓުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.






