ފ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް “ޔޫސް އޮފް ފޯސް ރިފްރެޝަރ” ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންގެ ގާބިލުކަން އިތުރުކޮށް، އިންތިހާބަށް ފުލުހުން ތައްޔާރުކުރުމަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.
މިގޮތުން މި ހިނގާ މާރިޗު މަހުގެ 11 އިން 17 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ފުލުހުންގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ އިތުރުން، ބާރުގެ ބޭނުންކުރުމާއި، ހަތިޔާރު ގެންގުޅޭނެ އުސޫލުތަކާއި، ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތަކާ ގުޅޭގޮތުން މައުލޫމާތުދީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މީގެ އިތުރުން، އެކި ހާލަތްތަކާ ގުޅޭ ސިނާރިއޯތައް ބޭނުންކޮށްގެން، އެފަދަ ދަނޑިވަޅުތަކުގައި ބާރުގެ ބޭނުންކުރާނެ ގޮތްތަކާއި ހަތިޔާރު ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތަކުގެ ތަމްރީނުތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.






