ދުނިޔޭގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓު ކަމަށްވާ އެކުވެރި ޢަރަބި އިއްތިހާދު (ޔޫ.އޭ.އީ) ގެ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް ކައިރިއަށް ޑްރޯން ހަމަލާއެއް ދިނުމާ ގުޅިގެން، އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑެއް ނިއްވުމުގެ މަސައްކަތް ކުރަމުންދާތީ، އެއާޕޯޓަށް ޖައްސަން އޮތް ބައެއް ފްލައިޓްތައް އެހެން އެއާޕޯޓްތަކަށް ބަދަލުކޮށްފިއެވެ.
މީގެ އިތުރުން ބަހްރޭން، ކުވެއިތު، ގަތަރު އަދި ސައުދީ އަރަބިއްޔާއިން ވެސް ވަނީ އެ ގައުމުތަކަށް އަމާޒުވި ޑްރޯންތަކާއި މިސައިލްތައް ހުއްޓުވާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.
ދުބާއީ މީޑިއާ އޮފީހުން ހާމަކުރި ގޮތުގައި، އެއާޕޯޓް ކައިރީގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކަކަށް ދިން ހަމަލާއާ ގުޅިގެން ރޯވި އަލިފާންގަނޑު، ސިވިލް ޑިފެންސް ޓީމުތަކުން މިހާރު ވަނީ ކާމިޔާބުކަމާއެކު ކޮންޓްރޯލްކޮށްފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަން އެ އޮފީހުން ފާހަގަކުރިއެވެ.
މީޑިއާ އޮފީހުން 'އެކްސް' މެދުވެރިކޮށް ބުނެފައިވަނީ، ބައެއް ފްލައިޓްތައް އަލް މަޚްތޫމް އިންޓަނޭޝަނަލް އެއާޕޯޓަށް މިހާރު ޑައިވާޓްކޮށްފައިވާ ކަމަށެވެ.
ހަމައެއާއެކު، ދުބާއީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، ފަސިންޖަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް، އަލުން ދަތުރުތައް ފަށާނެ ވަގުތެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.
ޔޫ.އޭ.އީ ގެ ވެރިރަށް އަބޫދާބީގެ އަލް ބަހްޔާން ސަރަހައްދުގައި އާންމުންގެ އުޅަނދަކަށް މިސައިލެއް އެރުމާ ގުޅިގެން ހިނގި ހާދިސާއެއްގައި ފަލަސްތީނުގެ ރައްޔިތަކު މަރުވެފައިވާ ކަމަށް އެ ސިޓީގެ މީޑިއާ އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ފުޖައިރާގެ އިންޑަސްޓްރިއަލް ޒޯނަކަށް ދިން ޑްރޯން ހަމަލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް މިއަދު ހެނދުނު އެ ފުޖައިރާގެ މީޑިއާ އޮފީހުން ވަނީ ރިޕޯޓްކޮށްފައެވެ. ސިވިލް ޑިފެންސް ޓީމުތަކުން އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް މަސައްކަތް ކޮށްފައިރު، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ވެސް ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް އަމާޒުވި ޑްރޯންއެއް ވައްޓާލުމުގެ ތެރޭގައި އޭގެ ބައިތައް ވެއްޓި، އެ ތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.
މި ސިލްސިލާ ހަމަލާތައް ކުރިމަތިވެފައި މިވަނީ، އެއާޕޯޓް ކައިރިއަށް ވެއްޓުނު ދެ ޑްރޯންއެއްގެ ސަބަބުން ހަތަރު މީހަކަށް އަނިޔާވިތާ ތިން ދުވަސް ފަހުންނެވެ.
ފެބުރުވަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ހަ މީހަކު މަރުވެފައިވާ ކަމަށް ޔޫ.އޭ.އީ ގެ މިނިސްޓްރީ އޮފް ޑިފެންސް އިން ބުނެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ހަތަރު އާންމުންނާއި، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ވެއްޓުނު ހެލިކޮޕްޓަރެއްގައި ތިބި އަސްކަރިއްޔާގެ ދެ މީހުންނެވެ.






