ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމް ކޮށްލި މީހަކު ހަތް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.
ފުލުހުން ބުނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށާއި، މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގދ. ގައްދޫ، ޖަނބުރީޒް ގަސްދޮށުގެ، މުހައްމަދު ޝަފީގުގެ މައްޗަށް ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގައި ކަމަށް ފުލުހުން ބުންޏެވެ.
މި މާރާމާރީ ހިނގާފައިވަނީ 2023 ފެބުރުވަރީ 14 ވަނަ ދުވަހުގެ 15:30 އެހައިކަންހާއިރު، މާލޭ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ކަމަށާއި، މި މަރާމާރީގައި ދައުވާލިބޭ ފަރާތުން ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ، ޒަހަމުކޮށްލާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން މައްސަލަ ހުށަހެޅުމުން ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގު ފަށައި، ހާދިސާ ހިނގި ސަރަހައްދުން ހެކި ހޯދުމާއި، މަންޒަރު ދުށް ފަރާތްތަކުގެ ބަޔާން ނެގުމުގެ އިތުރުން، މާރާމާރީ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ބޭނުންވާ ތަހުގީގުގެ މަސައްކަތްތައް ފުރިހަމަކޮށްފައި ކަމަށެވެ.
މީގެ އިތުރުން މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު، ފުލުހުން މި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައި، އެ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީސް ތަކުގައި، ފުލުހުންގެ ތަހުގީގުން ހޯދާފައިވާ ހެކިތަކާއި، ހެކިންގެ ހެކިބަހުގެ އިތުރުން މައްސަލައާ ގުޅުންހުރި އެހެނިހެން ހެކިތަކަށް ރިއާޔަތްކޮށްފައިވާއިރު މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، މި މަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެގޮތުން އެ ހުކުމުގައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ކުށް މުހައްމަދު ޝަފީގުގެ މައްޗަށް ސާބިތުވެ، މި ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ ހަތް އަހަރުގެ މުއްދަތަށް ޖަލަށްލުމަށް އަންގައި، ހުކުމުގެ ކުރީގައި ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ ހަތަރު އަހަރު ކަމަށް ކަނޑައަޅާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މުހައްމަދު ޝަފީގު އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރުކޮށް ހާދިސާ ހިނގިތަނުގައި ނުހުންނާނެކަމަށް ބުނެފައިވާ ކަމަށާއި، ދިފާއުގައި ހެކި ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ ނަމަވެސް، ހުލާސާ ބަޔާން ހުށަހެޅުމަށް ދިން ފުރުސަތުގައި ދައުވާއަށް އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައަކީ އަނިޔާވެރި ކުށްތައް ތަހުގީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެއް ކަމަށާއި، މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށާއި، އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް މިފަދަ ކުށްތަކުން ރައްކާތެރިވެފައިވާ މުޖުމަތަމަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި ކުރަމުންދާނެ ކަމަށެވެ.






