ޒަމާނުއްސުރެ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދެ ޖެނެރޭޓަރ އައްޑޫ ސިޓީއަށް ގެންދިއުމުގެ މަސައްކަތްކުރިއަށްދާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ނަޖާހު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިވްސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ނަޖާޙް ވިދާޅުވީ 2024 ވަނަ އަހަރު ހައިސްޕިޑް ދެ ޖެނެރޭޓަރ ގެނގޮސް އިންސްޓޯލް ކޮށްފައިވާ ކަމަށާއި 2025 ވަނަ އަހަރު ފަސް ޖަނަރޭޓަރ އައްޑޫއަށް ގެންގޮސް ޚިދުމަތް ދެމުން އަންނަކަމަށެވެ.
މީގެ އިތުރުންވެސް މިއަހަރުގެ މިހާރު އިތުރު ޖަނަރޭޓަރު ގެންދިއުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި އެގޮތުން އެއް ޖެނެރޭޓަރު މިހާރު ޝިޕް ކުރެވި އައުމުގެ މަގުމަތީގައިވާކަމަށް ނަޖާޙް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި އެ ޖެނެރޭޓަރ އައްޑޫއަށް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ. ދެވަނަ ޖަނަރޭޓަރ ކުރިއަށްއ އޮތް ފަންސަވީސް ދުވަހުގެ ތެރޭގައި އައްޑޫއަށް ފޯރުކޮށްދެވޭނެ ކަމަށް ނަޖާހް ވިދާޅުވިއެވެ.
ނަޖާޙް ވިދާޅުވީ އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް މިހާރު މަސައްކަތް ހަވާލުކޮށްފައިވާ އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތް އެއްކޮށް ނިމުމުން ހައްލުވާނެކަމަށެވެ.
ނަޖާހް ވިދާޅުވީ، އެ ސިޓީގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވަނީ، އެ މަސައްކަތަށް ޤާބިލު، ތަޖުރިބާކާރު ކުންފުންޏަކާކަމަށެވެ. އަދި މިހާރުވެސް އެ ކުންފުނިން ދުބާއީގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދަވާކަން ނަޖާޙް ފާހަގަކުރެއްވިއެވެ.
" އަޅުގަނޑުމެން މި މަސައްކަތް ކުރުމަށް މި ހަވާލުކުރީ ދުބާއީ ކުންފުންޏަކާ. މި ކުންފުންޏަކީ މިހާރުވެސް ދުބާއީގެ 28 މެގަވޯޓާއި، 18 މެގަވޯޓާއި ދެމެދުގެ ދެ ޕްރޮޖެކްޓެއް ކުރިއަށްގެންދާ ކުންފުންޏެއް. އެބޭފުޅުންގެ އެކްސްޕީރިއެންސް އެބަހުރި. އަޅުގަނޑުމެން އައްޑޫއަށް މި ގެންނަނީ ދާއިމީ ހައްލެއް". ނަޖާހް ވިދާޅުވިއެވެ.
އައްޑޫގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަން ޤާއިމްކުރުމަށް ޑެފިނިޓް ސޮލިއުޝަންސްއާ ހަވާލުކުރީ މިމަހުގެ 7ވަނަ ދުވަހުއެވެ. ދުބާއީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޑެފިނިޓް ސޮލިއުޝަންސްއަކީ، ދުބާއީގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުގައި މިފަދަ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ އަދި ހިންގަމުންގެންދާ، ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.







