ގދ. ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ގދ. ފަރެސްމާތޮޑާގެ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކުރެއްވީ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެެވެ.
މި އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.
ގދ. ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން… pic.twitter.com/FL9SurwY5u
— Ministry of Construction, Housing & Infrastructure (@MoCImv) March 2, 2026
މިމަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި 465,726 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 300 މީޓަރުގެ އެއްގަމުތޮށި ލުމާއި، 1,462 މީޓަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން، 733 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 133 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުމުގެ އިތުރުން 329 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 9,206 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، 6 މީޓަރު ދިގު 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
މިމަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 209.43 މިލިއަން ރުފިޔާއަށް 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.





