އީރާނުގެ މެދުތެރޭގެ ސަރަހައްދެއްގައި ހުންނަ މޭވާ މާރުކޭޓަކަށް އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި ހިނގި ހާދިސާގައި، އަސްކަރިއްޔާގެ ދެ ޕައިލެޓުންނާއި މާރުކޭޓުގައި ތިބި ދެ ވިޔަފާވެރިއަކު މަރުވެއްޖެއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ހެލިކޮޕްޓަރު ވެއްޓުނީ އިސްފަހާން ޕްރޮވިންސްގެ ދޯރްޗޭ ކިޔާ ރަށަކަށެވެ. މިއީ އީރާނު އަސްކަރިއްޔާގެ މުހިންމު އެއާބޭސްއެއް ހުންނަ ސަރަހައްދެކެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ހެލިކޮޕްޓަރަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ބުނެއެވެ.
ދައުލަތުގެ މީޑިއާއިން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި، ހެލިކޮޕްޓަރު ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި ރޯވި އަލިފާން ނިއްވުމަށް އެމަޖެންސީ ހިދުމަތްތަކުން ވަނީ ހަރަކާތްތެރިވެފައެވެ.
އަސްކަރިއްޔާގެ އޭވިއޭޝަން ޓްރޭނިން ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާގައި މަރުވީ ކާނަލް ހާމިދު ސަރުވަޒާދު އާއި އޭނާގެ ކޯ-ޕައިލެޓް މޭޖާ މުޖުތަބާ ކިއާނީ ކަމަށެވެ. މީގެ އިތުރުން، ހެލިކޮޕްޓަރު ވެއްޓި އަލިފާން ރޯވުމުގެ ސަބަބުން، މާރުކޭޓުގެ ގޮޅިތަކުގައި މަސައްކަތް ކުރަމުންދިޔަ ދެ މީހަކު ވެސް އެ ތަނުގައި މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް އަސްކަރިއްޔާއިން ބުނެފައިވާއިރު، އެ ސަރަހައްދުގެ ޖުޑީޝަރީ ޗީފް އަސަދުއްލާ ޖައުފަރީ ވަނީ މި މައްސަލަ ބެލުމަށް ހާއްސަ ޓީމެއް އައްޔަންކުރައްވާފައެވެ.
މި ހާދިސާ ހިނގާފައި މިވަނީ، އީރާނުގެ ހުޅަނގުގެ ހަމަދާން ޕްރޮވިންސްގައި ކުރިއަށްދިޔަ ތަމްރީނު ދަތުރެއްގެ ތެރޭގައި އެމެރިކާގައި އުފައްދާފައިވާ އެފް-4 މަރުކާގެ ފައިޓަރ ޖެޓެއް ވެއްޓުނުތާ ހަފްތާއެއް ނުވަނީހެވެ. އެ ހާދިސާގައި އެކަކު މަރުވިއިރު، އަނެއް ޕައިލެޓް ވަނީ ސަލާމަތްވެފައެވެ.







