ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ތައުހީނުކުރި މީހަކު ފުލުހުންގެ ތަޙުޤީޤަށް ހާޒިރުވުމަށް އިޢުލާންކޮށްފިއެވެ.
މިގޮތުން ފުލުހުންގެ ތަޙުޤީޤަށް ހާޒިރުކުރުމަށް ހޯދަމުންދަނީ ހ. ފިލިކުރިގެ/މާލެ، އަޙްމަދު ޢާމިރު (51 އ) އެވެ.
ފުލުހުން ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައެވެ.
ފުލުހަށް އެނާ ހާޒިރުކުރަނީ މި މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށެވެ.
ފުލުހުން ވަނީ މާރިޗު 10 ވަނަ ދުވަހުގެ 16:00 އަށް ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް އޭނާއަށް އަންގައިފައެވެ.
ފުލުހުން އޭނާ ތަހުޤީޤަށް ހާޒިރުކުރަން އިޢުލާންކޮށްފައިވާއިރު، އޭނާ ވަނީ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، ހަޖޫ ޖަހައިފައެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ ރާއްޖެއިން ބޭރުގައި ދިރިއުޅެމުން އަންނަ މީހެކެވެ.






