ޖަޕާނުގެ އެމްޕަރަރ ނަރުހީޓޯގެ އުފަންދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ޚާރިޖީ ވަޒީރު ތޮޝިމިޓްސޫ މޮޓޭގީއަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖުގައި ޖަޕާނުގެ އެމްޕަރަރ، ހިޒް އިމްޕީރިއަލް މެޖެސްޓީ ނަރުހީޓޯގެ އުފަންދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި ޖަޕާނުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައިވެއެވެ.
ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތީ ފާއިތުވި ފަސްދޮޅަސް އަހަރުގެ ތެރޭގައި ބަދަހިވެފައިވާ ޒަމާންވީ ގާތް ރަހުމަތްތެރިކަމެއް ކަމަށާއި، ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދެމުންދާ ދީލަތި އެހީތެރިކަމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ ނުހަނު ބޮޑު މަންފާއެއް ކުރަމުންދާ ކަންކަން ކަމަށެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށްވެސް ވަޒީރު ޑރ. ޚަލީލް ވިދާޅުވިއެވެ.
2027 ވަނަ އަހަރު، ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ގާތްވަމުންދާއިރު، ދެޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައާއި ގުޅުން ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މަނިކުފާނަށް ފުރިހަމަ ޞިއްޙަތާއި ކާމިޔާބީއަށް އެދެން. އަދި ޖަޕާނުގެ ރައްޔިތުންނަށް އަމާންކަމާއި، ކުރިއެރުމާއި، ފާގަތިކަމަށް އެދެން"، ވަޒީރުގެ މެސެޖުގައި ވެއެވެ.





