ގއ. ދެއްވަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. ދެއްވަދޫ / ގާވިޔާ، މަމްނޫހު ޒާހިރު (28އ) އާއި ގދ. ތިނަދޫ / ވައިޓްހިލް، އާއިޝަތު މޫސާ (34އ) އެވެ. މި ދެ މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ 30 ދުވަސް ޖަހައިފައެވެ.
ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫން ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތު ކުރެވިގެން ދެއްވަދޫ ޕޮލިހުން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
މިގޮތުން މި މަހު 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.






