މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު އެތުލީޓުގެ މަގާމު، ޓީޓީ ތަރި ފާތިމަތު ދީމާ ތިންވަނަ ފަހަރަށް ހޯދައިފިއެވެ.ދީމާގެ އިތުރުން އެންމެ މޮޅު އެތުލީޓުގެ މަގާމު، ހޯދީ އަލީ އާއި މޫސާ މުންސިފް އަހުމަދު އަދި ބޮޑީބިލްޑިންގެ އަޒްނީން ރަޝާދު އާއި އީމާ އަބްދުއްސައްތާރު އެވެ.
އެންމެ މޮޅު އޮލިމްޕިކް ކުޅިވަރު އަންހެން އެތުލީޓުންނަށް ބަލާއިރު، ދެ ވަނަ ހޯދީ ވޮލީ ތަރި، އާއިޝަތު މާޖިދާ އާއި ފާތިމަތު ޖޫޒާން ޒަރީރު އެވެ. އަދި، ފިރިހެން ކެޓަގަރީ އަށް ބަލާއިރު، މުންސިފްގެ ފަހަތުން ދެ ވަނަ އަށް ވޮލީބޯޅައިގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ހޮވުނުއިރު، ތިން ވަނަ އަށް ދިޔައީ، މުހައްމަދު ރިހާން ޝިހާމް އެވެ.
ވަކިވަކި ކުޅިވަރުތަކުން އެއް ވަނަ ހޯދި ކުޅުންތެރިންނަށް ބަލާއިރު، އެތުލެޓިކްސްގެ އެންމެ މޮޅު އެތުލީޓަކަށް ހަސަން ސާއިދުގެ އިތުރުން ހޮވުނީ ފަސޫހާ އަހުމަދު އެވެ. ބެޑްމިންޓަނުން ލިބުނީ ފާތިމަތު ނަބާހާ އަބްދުރައްޒާގް (ނަބާ) އާއި މުހައްމަދު ޒަޔާން ޝަހީދު ޒަކީ އެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ގެ ޝަރަފުވެރި އެވޯޑުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ. މިއަހަރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންފައިވަނީ، މޫސާ މަނިކު އަދި، މުޙައްމަދު ނަދީމަށެވެ.
މީގެ އިތުރުން، ނޮން-އޮލިމްޕިކް އަދި އޮލިމްޕިކް ސްޕޯޓްސް ކެޓަގަރީ އިން، ސްޕޯޓްސްވުމަން އޮފް ދި އިޔަރ އަދި ސްޕޯޓްސްމަން އޮފް ދި އިޔަރ އެވޯޑް ޙާޞިލުކުރެއްވި އެތުލީޓުންނަށްވެސް، އެމަނިކުފާނު ވަނީ އެވޯޑު ހަވާލުކޮށްދެއްވާފައެވެ.
އެވޯޑުތައް ހަވާލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެންމެ ޝަރަފުވެރި އެވޯޑްތައް ޙާޞިލުކުރެއްވި ބޭފުޅުންނާއެކު ޚާއްޞަ، ހަނދާނީ ފޮޓޯފުޅެއް ނަންގަވާފައެވެ.
މިރޭގެ މި ޙަފުލާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގެން، ބައެއް އެވޯޑުތައް ހަވާލުކޮށްދެއްވާފައިވެއެވެ. ހަމަމިއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ބައެއް އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި ޚިދުމަތްކޮށްދެއްވަމުންގެންދަވާ ފަރާތްތަކުގެ އަގުވަޒަންކުރެއްވުމުގެ މަޤްޞަދުގައި، ދިވެހިރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އިހުތިފާލެވެ. މިރޭގެ ޙަފުލާގައި ފާހަގަކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ކާމިޔާބީތަކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު، ކުޅިވަރު ތަރައްޤީކޮށް ކުރިއެވުމަކީ ޤައުމީ އަހުމިއްޔަތެއްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.







