ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ކާމިޔާބު ކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޕާޓީއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބީ.އެން.ޕީއިން އިންތިޚާބުގައި ހޯއްދެވި ކާމިޔާބީއަށްޓަކައި، އެ ޕާޓީގެ ލީޑަރު ތާރިޤް ރަޙްމާނަށް، ތަހުނިޔާ ވިދާޅުވެފައިއެވެ. އަދި ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކޮށް، ކުރިއެރުވުމަށްޓަކައި ގާތުން މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކުގައި، ދޭދޭ ގުޅުން އިތުރަށް ފުޅާވެ، ވަރުގަދަވެގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.




