ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތުގެ ރައީސްގެ ދަޢުވަތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެ ޤައުމަށް ވަޑައިގަތުމުން އެ މަނިކުފާނަށާއި އެ މަނިކުފާނުގެ ވަފުދަށް ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ މަރުޙަބާ ދަންނަވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ޖަރުމަނުގެ ރިޔާސީ ގަނޑުވަރު ޝްލޮސް ބެލްވޫގައެވެ.
މި ރަސްމިއްޔާތަށް އެމަނިކުފާނު ވަޑައިގަތުމުން ރައީސް ޝްޓައިންމަޔަރ ވަނީ އެ ދެބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. އެއަށްފަހު ދެ ޤައުމުގެ ވަފުދުގެ ބޭފުޅުން ތަޢާރަފުކޮށްދެއްވާ، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވިއެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ހިމެނިގެން ބަރލިންގައި ކުރިއަށްގެންދިޔަ، މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި، އެމަނިކުފާނު ބައިވެރިވެވަޑައިގަންނެވިއެވެ.
މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ވަނީ، ވިލާތުގެ އެންމެ އިސް އެއް ޓްރެވަލް އެންޑް ޓޫރިޒަމް ގުރޫޕުކަމުގައިވާ ޑިއަރޓުއަރ ޑޮއިޝްލަންޑް ޖީ.އެމް.ބީ.އެޗް އާއި ވިޒިޓް މޯލްޑިވްސް އާ ދެމެދު، ޑެސްޓިނޭޝަން ޕްރޮމޯޝަނާއި މާކެޓިންގައި އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާއެއްގައިވެސް ސޮއިކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ.




