އެމްޓީސީސީގެ "ސާބަސް ޔަންމާ ޕްރޮމޯ 2026" އިފްތިތާޙުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯ ފައްޓަވައިދެއްވީ އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދެވެ.
ފެބުރުވަރީ 15 އިން ފެށިގެން މާރިޗު 31 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ މަޤުޞަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޔަންމާ އިންޖީނު ވިއްކުން ކަމަށާއި، މި ޕްރޮމޯގެ ދަށުން ބައްލަވައިގަންނަވާ ކޮންމެ ޔަންމާ އިންޖީނަކަށް 8 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
އެމްޓީސީސީން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް 10 ޕަސެންޓްގެ ބުކިން ފީއެއް މާރިޗު 31 ގައި ނުވަތަ އެ ދުވަހުގެ ކުރިން ދައްކައި، އިންޖީނު އޯޑަރު ޔަޤީންކުރަން ޖެހޭނެ ކަމަށެވެ.
އެމްޓީސީސީއަކީ މޯލްޑިވްސް މެރިން އެކްސްޕޯ 2026 ގެ ކޯ-ސްޕޮންސަރެކެވެ. މި އެކްސްޕޯގައި އެމްޓީސީސީގެ ސްޓޯލުން އައު މެރިން އުފެއްދުންތަކާއި ޚިދުމަތްތައް ތަޢާރަފުކުރާނެ ކަމަށާއި، ޔަންމާއާއި ކާސްޓްރޯލް ކުންފުނިތަކުގެ އިސްވެރިންނާއެކު ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވެ، އަގުހުރި މަޢުލޫމާތުތަކެއް ހިއްސާކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން، އެމްޓީސީސީ ކަށަވަރު ފޭސްބުކް ޕޭޖު މެދުވެރިކޮށް ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުޞަތު ފެބުރުވަރީ 5 އިން ފެށިގެން ހުޅުވާލާފައިވާއިރު، މި ލަކީޑްރޯ ކާމިޔާބުކުރާ ފަރާތަުގެ ނަން މިއަދު މޯލްޑިވްސް މެރިން އެކްސްޕޯގެ ހަވާސާގައި އިޢުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ލަކީޑްރޯއިން ހޮވޭ ފަރާތަކަށް 10،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.





