ދިވެހި ޤައުމިއްޔަތުގެ އިސްވަރުން އިންތިޒާމުކޮށްގެން ކޮންމެ ނަކަތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސިންތާތަކުގެ ތެރެއިން ހުވަން ނަކަތުގެ ސިންތާ ބާއްވައިފިއެވެ. މި ސިންތާއަކީ މި އަހަރުގައި ބާއްވާ ދެ ވަނަ ސިންތާއެވެ. ސިންތާގެ މައުޟޫޢެއްގެ ގޮތުގައި މި ފަހަރު ކަނޑައަޅާފައިވަނީ "ގޫގުލްއަށް ދިވެހިބަސް ލުން"މިއެވެ. މި ސިންތާ ބާއްވާފައިވަނީ ދިވެހި ޤައުމިއްޔަތުގެ އިސްވަރުންގެ އޮފީހުގައެވެ.
ގޫގުލްގެ މަންސައަށް ދިވެހިބަސް ލުން މި މައުޟޫގެ މައްޗަށް ސިންތާގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޢިލްމާއި ތަޖުރިބާ ހޯދާފައިވާ، އަލްފާޟިލް ނާއިލް ޢަބްދުއްރަޙްމާން (ކުޑަ ނާއީ)އެވެ. ދިވެހިބަސް ތަރުޖަމާ ކުރުމުން ފެށުނު މަސައްކަތުން އިތުރު ހޯދުންތައް ހޯދައި ބެލުމުގައި ޝައުގު އުފެދުނު މި ތަޖުރިބާކާރު ގޫގުލްގެ މަންސައަށް ދިވެހިބަސް ލުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ގިނަ ބަޔަކާ ގުޅިގެން ގިނަ ބައެއްގެ އެހީތެރިކަމާ އެކު މިހާރު ވެސް ދަނީ އެ މަސައްކަތުގައި ކުރިއަށް ދަމުންނެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި ދިވެހިބަސް އޮތީ އެހާ ފަހަތަކު ނޫންކަމުގައި ނާއިލް ޢަބްދުއްރަޙްމާން ވިދާޅުވިއެވެ.
ދިވެހިރާއްޖެއަށް ވުރެ އާބާދީ ބޮޑު ޤައުމުތަކުގެ ބަސްތަކަށް ބަލައި ދިވެހިބަސް އޮތީ ފަހަތުގައި ނޫންކަމަށާއި އެހެން ނަމަވެސް އެގޮތަށް ވިސްނައި ހިތްހަމަޖައްސައިގެން އިތުރަށް ބަސް ކުރިއެރުވުމަށް މަސައްކަތް ނުކޮށް ތިބުން އެ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި އޭނާ ވަނީ ފާހަގަ ކުރައްވާފައިއެވެ.
ޗެޓްޖީޕީޓީ، ކްލައުޑް، ޖެމިނައި މި ތިން ބޮޑު އޭއައި އެޖެންޓަށް ވެސް ދިވެހިބަސް މިހާރު އެނގޭކަމުގައި ފާހަގަކުރައްވައި ވިދާޅުވެފައިވަނީ މިހާރު މަދުވަނީ އިންސާނަކު ތަރުޖަމާ ކުރާ ފެންވަރަށް ދިވެހި އެހެން ބަސްބަހަށް ތަރުޖަހާކުރުން ކަމުގައި އޭނާ އިތުރަށް ފާހަގަކުރެއްވެވިއެވެ. މިކަން ވެސް ކައިރި މުސްތަގުބަލުގައި ވުން މި އޭނާގެ އުންމީދުކަމުގައި ވިދާޅުވިއެވެ.
މި ސިންތާގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސް މަސްއޫލުވެރީން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭފުޅުންގެ އިތުރުން ސުމޭކުގެ ދާއިރާގެ ބޭފުޅުން ވަނީ ބައިވެރިވަޑައިގެންފައެވެ.
މި ވުޒާރާގެ ދަށުން ހިނގޭ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އިސްވާރުންގެ ތެރޭގައި ހިމެނޭ ސުމޭކްގެ އިސްވާރު މުޙައްމަދު ޢަބްދުލްޤާދިރަކީ ސުމޭކު ދާއިރާއިން ޢިލްމާއި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެވެ.







