ދިވެހިރާއްޖެއިން ރަޝިއާ އަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިއަން ފެޑެރޭޝަންގެ ރައީސް، ހިޒް އެކްސެލެންސީ ވްލަޑިމިއަރ ޕުޓިން އަށް އަރުވައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ރަސްމިއްޔާތު އޮތީ މޮސްކޯގެ ގްރޭންޑް ކްރެމްލިން ޕެލެސްގައި ކަމަށެވެ.

މި ރަސްމިއްޔާތުގައި ސަފީރު ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮއެދުންތައް ރަޝިއާގެ ރައީސްއަށް އަރިސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަޝިއާ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ޢައްޔަން ކުރެއްވީ 11 މާރޗް 2025 ގައެވެ. ސަފީރު ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް މިހާރު ހުންނެވީ ރިޕަބްލިކް އޮފް ތުރުކިޔޭއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ.






