މާލޭގެ މަގު ތަކުގެ ކާނު ސާފު ކުރުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 2024 ވަނަ އަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 235 މަގެއްގެ، 33002 ކާނު ސާފުކޮށް، 464 މަގު މަރާމާތުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި 235 މަގުން މި މުއްދަތުގެ ތެރޭގައި 2597 ޓަނޭޖެގެ ވެއްޔާއި ކިސަޑާއެކު ކުނިބުނި ވަނީ ނެގިފައެވެ.
މާލެ ސިޓީ ކައުންސިލުން ކާނު ސާފުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން ކައުންސިލުން ވިދާޅުވީ މާލޭގެ މަގުތަކަކީ، ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗިއްސަށް، އަމާން، ފަސޭހަ، ރައްކާތެރި މަގުތަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގިނަ މަސައްކަތެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
މަގު ހެދުމުގެ މަ މަޝްރޫޢުގެ ދަށުން، ގޯޅިތަކުގެ އަސާސީ ކަންކަން ރަނގަޅުކޮށް، ފެން ހިންދާ ނިޒާމާއި މަގުމަތީގެ ބައްތިތައް ހަރުކުރުން ފަދަ ކަންކަން ވެސް ކުރަމުން އަންނަ ކަމަށް ކައުންސިލުން މައުލުމާތުދެއެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ މަގުތަކާއި ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ފަސޭހަ ކޮށްދެއްވުމަށް، އެ މަގާއި އެގޯޅިތައް ތަރައްޤީ ކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން ކުރަމުން އަންނަ މައްސައްކަތް ތަކެއް ކަމަށެވެ. އަދި ބައެއް ގޯޅިތަކާއި މަގުތައް ހަލާކުވެ، އެތައް އަހަރުތަކެއް ވަންދެން މަރާމާތު ނުކުރެވި އޮތުމުގެ ސަބަބުން އެ ގޯޅިތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް މޭޔަރ ޢާޒިމް ފާހަގަ ކުރެއްވި އެވެ.




