ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ހުއްދަ ނުނަގައި، ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ފުލުހުން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.
ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ ބަލައިފާސްކުރިއިރު، އެ އުޅަނދުން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން 102 ފުޅި ބަނގުރާ އަދި 218 ދަޅު ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން ޖުމްލަ ފަސް ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މާލެ ސަރަހައްދުގެ ފަޅުތެރޭގައި އޮންނަ ސަފާރީތަކުގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރާ މައްސަލަތައް ފުލުހުން އަންނަނީ ސަމާލުކަންދީގެން ބަލަމުންނެވެ.




