ރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭގޮތަށް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރައްޔިތުން ވަނީ ބޭސްފަރުވާގެ ނިޒާމާއި ގުޅޭގޮތުން ގިނަ ވާހަކަތަކެއް ރައީސްއަށް ހިއްސާކުރައްވާފައެވެ. މީގެ ތެރޭގައި ބައެއް ތަންތަނުން އާސަންދަ ނުލިބުމުގެ ޝަކުވާ ހިމެނެއެވެ.
ނޫސް ބަޔާން. pic.twitter.com/uzWGqMU0ZW
— NSPA (@NSPAmaldives) December 30, 2025
ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި އެކި ފޯރަމްތަކުގައި ލިބިވަޑައިގެން ހިޔާލުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާދެއްވުމުގެ ގޮތުން އިޖްތިމާއި ސިއްހީ އިންޝިއުރަންސްގެ ޤައުމީ ނިޒާމް "އާސަންދަ ސްކީމް" ގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތްތަކާ ގުޅުންހުރި ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.
އެންސްޕާއިން ވިދާޅުވީ މިކަން ތަންފީޒުކުރުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އުސޫލުތައް އެކުލަވާލާ އާންމުކޮށް އަންނަ މަހުގެ 31އިން ފެށިގެން އެފަދަ ތަންތަނުން އާސަންދައިގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރުމަށް ފެށޭނެކަމަށެވެ.




