މި އަހަރުގެ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހު ސޮއިކުރެވުނު އިންޓަރ-އޭޖެންސީ ޑިކްލަރޭޝަންގެ ދަށުން މަސައްކަތްކުރުމަށް، އެއް އަހަރު ދުވަހުގެ އެކްޝަން ޕްލޭން އެކުލަވައިލުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޖޮއިންޓް އެޖެންސީ ވޯކްޝޮޕް ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ވޯކްޝޮޕްގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާއި، ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން މޯލްޑިވްސް ވުމަން އިން ޕޮލިސިންގ ކޮމިޓީއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މި ވޯކްޝޮޕްގައި، އިންޓަރ-އޭޖެންސީ ޑިކްލަރޭޝަންގައި ބަޔާންކޮށްފައިވާ ކޮމިޓްމަންޓްތަކާއި އުސޫލުތަކާ މެދު މުއައްސަސާތަކުގެ މެދުގައި އެއްގޮތްކަމެއް އުފެއްދުމާއި، ޑިކްލަރޭޝަންގައިވާ އަންހެނުންގެ ލީޑަރޝިޕްއާއި، ގާބިލިއްޔަތު ބިނާކުރުމާއި، ސިޔާސަތު އިސްލާހުކުރުމާއި، ފަހި މާހައުލުތައް ގާއިމުކުރުމާއި، ގުޅިގެން މަސައްކަތްކުރުން އަދި ޖަވާބުދާރީވުމާ ބެހޭ ކޮމިޓްމަންޓްތައް އަމަލީ އަދި ތަންފީޒުކުރެވޭނެ ފިޔަވަޅުތަކަށް ބަދަލުކުރުމާއި، އެއްބަސްވެފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް މުއައްސަސާތަކުގެ ދައުރުތަކާއި ޒިންމާތައް ކަނޑައެޅުމާ އަދި މޮނިޓަރިންގއާއި ރިޕޯޓުކުރުމުގެ އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.




