އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑައި ބީޗްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލި ހާދިސާއަކީ ހަނޫކާ ފާހަގަކުރަމުންދިޔަ ޔަހޫދީންނަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއް ކަމަށް އެގައުމުން ބުނެފިއެވެ.
މި ހަމަލާގައި މަރުވި މީހުންގެ އަދަދު 15 އަށް އަރާފައިވާއިރު ، މިއީ ބައްޕައަކާއި އޭނާގެ ދަރިފުޅު ވެގެން ދީފައިވާ ހަމަލާއެއް ކަމަށް އެ ގައުމުގެ ތަހުގީގީ އިދާރާތަކުން ބުނެފައިވެއެވެ.
އަދި ހަމަލާ ދީފައިވަނީ ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ކަމަށްވާ ހަނޫކާ ފާހަގަކުރަމުން ދަނިކޮށެވެ.
އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ. އެއީ މަރުވި އެންމެ ކުޑަ ކުއްޖާ ކަމަށް ވާއިރު މަރުވި އެންމެ ދޮށީ މީހާގެ އުމުރަކީ 87 އެވެ.
މި ހަމަލާގައި އިތުރު 42 މީހަކު ޒަހަމްވެގެން ފަރުވާ ދެމުން ދާއިރު އޭގެ ތެރޭގައި ދެ ފުލުހަކު ވެސް ހިމެނެ އެވެ.
ހަމަލާދެމުން ދަނިކޮށް، ހަތިޔާރެއް ނެތް އާންމުންގެ މީހަކު ވަނީ ހަމަލާ ދިން އެކަކު ފަހަތުން ގޮސް ވައްޓާލުމަށް ފަހު އެ މީހާގެ ބަޑި އަތުލައިފަ އެވެ.
ހަމަލާދިން ދެމީހުންގެ ތެރެއިން އެކަކު މަރާލާފައިވާއިރު އަނެއް މީހާއަށް ލިބިފައިވާ ޒަހަމްތަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.





