މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ނިންމައި، އެ ބައި މިއަދު އާންމުކޮށް ހުޅުވާލައިފިއެވެ. މި މަޝްރޫއުގެ ދަށުން ޖުމްހޫރީމައިދާން ކައިރިން ހެދި މި ބައި ހުޅުވާލާފައިވާއިރު، މިއީ މަގު ފުޅާކޮށް، ތާރު އަޅައިގެން ހަތަރު ލޭނަށް ބަދަލުކުރެވުނު ސަރަހައްދެކެވެ.
ހުޅުވާލެވުނު ބަޔަކީ މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދުގައިވާ ސަރަހައްދެވެ. މަގު ފުޅާކުރުމަށްޓަކައި ފަޅުތެރެއިން ބައެއް ހިއްކާފައިވާއިރު، މި މަސައްކަތް ކުރުމަށްޓަކައި މަގުގެ އެ ސަރަހައްދު ބަންދުކުރެވުނީ މިދިޔަ އޯގަސްޓް މަހުއެވެ.
މަޝްރޫއުގެ ދެވަނަ ސެގްމަންޓް
މިއީ ބޭރު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓް ނިމުންކަމަށް ވާއިރު، ދެން ފެށުމަށް ހަމަޖެހިފައިވަނީ ދެ ވަނަ ސެގްމެންޓެވެ. ދެ ވަނަ ސެގްމެންޓުގައި ހަދާނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ. އެ ސަރަހައްދު ވެސް މަގު ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މި މަގަކީ މާލޭގެ އެންމެ ބާރު ބޮޑު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ މަގެއްކަމަށް ވާތީ، ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ވަކި ޚާއްސަ ޑެޑްލައިނެއް ކަނޑައަޅާފައެވެ. ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް އަންނަ އޮކްޓޫބަރު 13 ގެ ކުރިން ނިންމަން ޖެހޭނެކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ހިންގާ ބޮޑުތަކުރުފާނު މަގު ހެދުމުގެ މި ބޮޑު މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކުރެއެވެ. މި މަޝްރޫއު ޖުމްލަ 455 ދުވަސް ތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.





