ފުޓްބޯޅައަކީ ހުރިހާ ދިވެހިން އެއްވަރަކަށް ޝައުގުވެރިވާ ކުޅިވަރެކެވެ. ފުޓުބޯޅަ ފޯރި ދިވެހިންގެ ތެރޭގައި އޮންނަ މިންވަރަކީ މުޅި އޭޝިޔާ ބައްރުގައިވެސް މަދުން ނޫނީ ނުފެންނަ މިންވަރެކެވެ. އުތުރުން ފެށިގެން ދެކުނަށް ފުޓްބޯޅަ ފޯރި ނެތް ހަމަ އެއްވެސް ރަށެއް ނެތީއެވެ. ރާއްޖޭގައި ގައުމީފެންވަރުގައި ބާއްވާ މުބާރާތްތައް ނުހިމަނައި ، ރަށްރަށުން އަމިއްލައަށް އިންތިޒާމުކުރާ ރަށުފެންވަރު މުބާރާތްތަކާއި އަތޮޅު ފެންވަރުގައި ބޭއްވޭ މުބާރާތްތަކުގެ އަދަދު ކޮންމެ އަހަރެއް ނިމޭއިރު ހުންނާނީ އެތައް ސަތޭކައަކަށް އަރާފައެވެ. ގައުމުގައި ފުޓްބޯޅަ ހަރަކާތް އެހާވެސް ގިނައެވެ.
ބޭރު ކޯޗުންވެސް ދިވެހި ފުޓްބޯޅައާއި ގުޅިގެން އަބަދު ބުނާ ވާހަކައެއް އޮވެއެވެ. އެއީ ދިވެހި ކުޅުންތެރިންގެ ތެރޭގައި ހުނަރުވެރި ކުޅުންތެރިން ވަރަށް ގިނަވާހަކައެވެ. ނަމަވެސް ޓީމެއްގެ ގޮތުގައި ކާމިޔާބީ ހޯދަން ބަލާއިރު އެކަމެއް ނުފެނެއެވެ. ސަބަބަކީ ކޮބާ ހެއްޔެވެ؟
ފުޓްބޯޅައިގެ ޝައުގު ރާއްޖޭގައި އޮތްމިންވަރާ އަޅާބަލާއިރު ލިބޭ ކާމިޔާބީ ދަށްކަމުން، މިކަމުގެ ސަބަބަކީ ކޮބާކަމާމެދު އަބަދު ބަހުސް ކުރެވެއެވެ. ބައެއްފަހަރު ގައުމީ ލެވެލްގައި ފުޓްބޯޅައިގެ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތަށް ފާޑުކިއުން އަމާޒުވާއިރު ، ފުޓްބޯޅަކުރިއަރުވަން ހުރި މުވައްސަސާތަކުގެ ދައުރު ފެއލްވެފައިވާ ކަމަށް އެއްބަޔަކު ގަބޫލުކުރެއެވެ.
ގިނަބަޔަކު ގަބޫލުކުރާގޮތުގައި ރާއްޖޭގައި ޖެހިގެންއުޅޭ އެންމެބޮޑު އެއް މައްސަލައަކީ ރަށްރަށުގެ ހުނަރުވެރި ކުޅުންތެރިންނަށް އެކަށީގެންވާ ފުރުސަތު ގައުމީ ފެންވަރުގައި ނުލިބުމެވެ. ރަށްރަށުގައި ހުނަރުވެރި ކުޅުންތެރިން ތިބި ނަމަވެސް އެ ކުޅުންތެރިންނަށް ލިބޭ ފުރުސަތު މަދީއެވެ. މިހާރުގެ އޮނިގަޑު ބިނާވެފައި އޮންނަގޮތުން ފުރުސަތު ބޮޑުވަނީ މައިގަޑު ގޮތެއްގައި މާލެ ސަރަހައްދާއި މާލޭގެ އެކަޑަމީތަކުގެ ކުޅުންތެރިންނަށެވެ. މިއީ ރަށްރަށުގެ ކުޅުންތެރިންނަށް ގައުމީ ފެންވަރުގެ ސެޓަޕްތަކަށް ވަނުމަށް ވަރަށް ބޮޑަށް ދަތިވާ ކަމެކެވެ.
އައްޑޫގައި މިހާރު ކުރިއަށްދާ އައްޑޫސިޓީ ކައުންސިލް ފުޓްބޯޅަ ޗެމްޕިއަންޝިޕަކީ މީގެ އެންމެ ރަނގަޅު އެއް މިސާލެވެ. ވަރަށް ހުނަރު މޮޅު، ޓެކްނިކަލީ އަދި ފިޒިކަލީ ވަރުގަދަ ޒުވާން ކުޅުންތެރިން މި މުބާރާތުން ފެނިގެން ގޮސްފިއެވެ. މީގެ ތެރޭގައި ގިނައީ ފުރުސަތުލިބޭނަމަ ފުޓްބޯޅައިން ކުރިއަށް ދާން ބޭނުންވާ ކުދިންނެވެ. މިގޮތުން މުޅި މުބާރާތުން ފާހަގަކޮށްލެވުނު އެއް ނަމަކީ މަރަދޫ އެފްސީން ފެނިގެންދިޔަ ޒާކީ މުޖުތަބާ އެވެ.
އުމުރުން އެންމެ 16 އަހަރުގައިވެސް އޭނާ ކުޅުނީ އޭނާގެ އުމުރުގެ ކުޅުންތެރިންނަށްވުރެ މާމޮޅަށެވެ. ޒާކީ ކުޅޭ ތަން ބަލާލި ކޮންމެ މީހަކު ވެސް ބުނާނެއެވެ. މިއީ ގައުމީ ޓީމަށް ޚިދުމަތް ކުރާނެ ހުނަރުވެރި ކުއްޖެކެވެ. އޭނާގެ ޑްރިބްލިންގ، ސްޕީޑް، ވިޝަން އަދި ކޮންފިޑެންސުން ދައްކުވައިދިނީ މުސްތަގުބަލުގެ ގައުމީ ކުޅުންތެރިއެއްގެ ސިފަތަކެވެ.

އެހެންނަމަވެސް، ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުންތެރިން ހޮވުމަށް ޒާކީ މާލެއަށް ކުރި ދަތުރުން ނުކުތީ އެހެން ނަތީޖާއެކެވެ. 17 އަހަރުން ދަށުގެ ގައުމީ ސްކޮޑުގައި މިހާރު ހިމެނޭ ބައެއް ކުޅުންތެރިންނަށްވުރެ ޒާކީގެ ހުނަރު މަތިކަން ސާފުކޮށް ފެންނަން ހުރި ނަމަވެސް، ޓީމަކަށް އޭނާ ނުހޮވުނެވެ. މިހިސާބުން ވަރަށް ސީރިއަސް ސުވާލެއް އުފެދެއެވެ. ޒާކީ ފަދަ ހުނަރުވެރި ކުޅުންތެރިންނަށް ފުރުސަތު ނުދީ ދިވެހި ފުޓްބޯޅައަށް މިއެދޭ ކުރިއެރުން ލިބޭނީ ކިހިނެއް ހެއްޔެވެ؟
ބައެއް ފަރާތްތަކުން ދެކޭގޮތުގައި ގައުމީ ޒުވާން ސްކޮޑްތައް އެކުލަވާލާއިރު ވަކި އެކަޑަމީތަކުން ނުކުންނަ ކުޅުންތެރިންނަކީ އެންމެ މޮޅު އެންމެ ރަގަޅު ކުޅުންތެރިން ކަމަށް ދިވެހި ފުޓްބޯޅައިގެ އިސް ފަޑިއަށް މާބޮޑަށް ގަބޫލުކުރެވެނީ އެވެ. ރަށްރަށުން އުފެދޭ ކުޅުންތެރިންނަށް ފުރުސަތު އޮންނަނީ ހަނިވެފައެވެ. ނުވަތަ ބަންދުވެފައެވެ.
ފުޓްބޯޅަ ކުޅެނީ ހަމައެކަނި މާލޭގައެއް ނޫނެވެ. މިހާރު މާލޭގައި ބާއްވާ މުބާރާތްކަށްވުރެ އަތޮޅުތެރޭގައި ބާއްވާ އަތޮޅުފެންވަރުގެ މުބާރާތްތައް ގިނައެވެ. އެހެންކަމުން އެންމެ ގިނައިން ހުނަރުވެރި އަދި މަގުމަތިން ، ދަނޑުމަތިން ތަޖުރިބާ ލިބިފައިވާ ކުޅުންތެރިން އަންނަނީ ރަށްރަށުންނެވެ. އެ ރަށްރަށުގައި ފުޓްބޯޅައަކީ އެކުދިންގެ ދިރިއުޅުމުގެ ބައެކެވެ.
ހުނަރުވެރި ކުދިން ދެނެގަތުމުގެ މަސައްކަތުގައި ހުރިހާ އަތޮޅެއް އަތްފުނާ އަޅަންޖެހެއެވެ. ކުޅުންތެރިން މާލެއަށް ދަތުރުކުރަންދެން ނުތިބެ، ސްކައުޓުންނާއި ކޯޗުން ހަރަކާތްތެރިކަމާއެކު ރަށްރަށަށް ޒިޔާރަތް ކުރަން އެބަޖެހެއެވެ. ގައުމީ އުމުރުފުރާގެ މުބާރާތްތައް މާލެއަށް އެކަނި ނިސްބަތް ނުވާނެހެން، ހުރިހާ އަތޮޅުތަކެއްގައި ވެސް 14 ޔޫ-16، ޔޫ-19 ފަދަ އޮނިގަނޑުތަކެއްގެ ދަށުން މުބާރާތްތައް އިންތިޒާމް ކުރަން ޖެހެއެވެ.މިފަދަ މުބާރާތްތަކުން ކޮންމެ ސަރަހައްދެއްގެ ހުނަރުވެރިކަން ދެނެގަތުމަށް ފަސޭހަވާނެއެވެ. އަދި މިހާރަށްވުރެ އިންސާފުވެރި އަދި ހާމަކަން ބޮޑު ސިލެކްޝަން ޕްރޮސީޖާ ތަކެއް ބާއްވަން ޖެހެއެވެ.
ގައުމީ ޓީމުތަކަށް ކުޅުންތެރިން ހޮވުން ބިނާކުރަންވާނީ ކުޅުންތެރިޔާ ދިރިއުޅޭ ތަނެއް ނުވަތަ ނިސްބަތްވާ އެކަޑަމީއެއްގެ މައްޗަކަށް ނޫނެވެ. ކޮންމެ ތަނެއްގައި ކުޅުނަސް ބަލަންވީ އެކުޅުންތެރިޔާގެ ހުނަރާއި، ގާބިލުކަމާއި، ޕޮޓެންޝަލްގެ މައްޗަށެވެ. ހުރިހާ ކަމެއް މާލެއަށް މަރުކަޒު ކުރުމުގެ ބަދަލުގައި، ކޯޗުންގެ ތަމްރީނު ޕްރޮގްރާމްތައް އެކި ސަރަހައްދުތަކުގައި ބާއްވަން ޖެހެއެވެ. މިކަމުގެ ސަބަބުން ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ލިބިގެންދާނެއެވެ. ރަށްރަށުގެ ހުނަރުވެރިކަން ނުބަލައި ދޫކޮށްލުމަކީ ގައުމީ ޓީމުތަކަށް ކުރިއެރުން ނުލިބޭ މައިގަނޑު އެއް ސަބަބެވެ. މި މައްސަލަ ހައްލު ނުކޮށް، ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލު އުޖާލާކުރުން ވާނީ ދަތި ކަމަކަށެވެ.






