ޑިފެންޑިން ޗެމްޕިއަން މައިލޯ ސިޓީއާ ދެކޮޅަށް ވަރުގަދަ ކުޅުމެއް ދައްކައި، ޕެނަލްޓީ ޖަހައިގެން މޮޅުވެ، މީދޫ ލޮތަރީ މުބާރާތުގެ ފައިނަލުގެ ޖާގައެއް މިއަދު ކަށަވަރުކޮށްފިއެވެ.
ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމަށްވެސް ގޯލެއް ކާމިޔާބު ނުކުރެވުނުއިރު، ދެ ޓީމުންވެސް އެޓޭކް އުފެއްދުމުގައި އަދި ޑިފެންސް ކުރުމުގައި ވަރުގަދަ ކުޅުމެއް ދެއްކިއެވެ. މެޗު ފެށުނީއްސުރެ ގިނަ ފައުލްތަކެއް ފެނިގެންދިޔައިރު، ރެފްރީ ވަނީ ގިނަ އަދަދެއްގެ ރީނދޫ ކާޑުވެސް ދައްކާފައެވެ.
ދެވަނަ ހާފުގައި، މެޗުގެ 60 ވަނަ މިނެޓުގައި މީދޫއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޕެލޭއެވެ. އޭނާ ބޮކްސް ބޭރުން ޖެހި ބޯޅަ ވަނީ ކީޕަރުގެ ބޯމަތިންނެވެ. މި ލަނޑާއެކު މީދޫގެ ކުޅުންތެރިންގެ ހިތްވަރު އިތުރުވެ، ހާއްސަކޮށް ފާއޓޭ އާއި އިޔާން މިޑްފީލްޑާއި ދިފާއުގައި ވަރުގަދަ ކުޅުމެއް ދެއްކިއެވެ.
ލޮތާރިން ލަނޑަށްފަހު 10 މިނެޓު ތެރޭގައި މައިލޯއިން ނަތީޖާ އެއްވަރު ކުރިއެވެ. މަިލޯއިން ނެގި ކޯނަރެށް ނަޖާހު ގޯލެއް ޖަހާ ނަތީޖާ 1-1 އަށް ހަމަހަވެ މައިލޯ އަލުން މެޗުގެ ތެރެއަށް ވަނެވެ. މައިލޯއިން ވަނީ މެޗުގެ ފަހު މިނެޓުތަކުގައި މޮޅުވާން ލޮތާރި ގެ ޑިފެންސް އައް ޕްރެޝަރު ކުރި ނަމަވެސް، މީދޫގެ ދިފާއު ފެނުނީ ވަރުގަދަ ކޮށެވެ. އިތުރު ގޯލެއް ނުޖެހި މެޗު ނިމުމުން، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓް އިންނެވެ.
މެޗުގެ ބޮޑު ބަދަލެއް އައީ މައިލޯގެ ދެވަނަ ޕެނަލްޓީ އިންނެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެ ޓީމުގެ މުހިންމު ކުޅުންތެރިޔާ ސަބަޓީ ޖެހި ޕެނަލްޓީ މީދޫގެ ކީޕަރު ކޮއިނޭ ސޭވް ކުރިއެވެ. ލޮތަރީން ވަނީ ހަމަޖެހިގެން ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފައެވެ. މައިލޯގެ ފަސްވަނަ ޕެނަލްޓީވެސް ޝަޔާން ނާކާމިޔާބު ވުމާއެކު މީދޫ ލޮތަރީގެ މޮޅުވިއެވެ.
މީދޫ ލޮތަރީގެ މި ކާމިޔާބީއަކީ މި ފަހުގެ ޖެނެރޭޝަނެށް ގައި ހިތަދޫ ޓީމަކާ ދެކޮޅަށް 11 ސައިޑް މެޗަކުން ލިބުނު ފުރަތަމަ ކާމިޔާބެވެ. މި އުފަލަކީ ހުޅުދޫ މީދޫ ކޮންމެ މީހަކުވެސް އުފާކުރުން ހައްގު ބޮޑު ކާމިޔާބެކެވެ. މިައަދު ގެ މެޗްގެ މޮޅު ކުޅުންތެރިޔާ ލިބުނީ ލޮތާރީ ގެ ފުވައްމަލަކު ކުޅުންތެރިޔާ ޕެލޭ އަށެވެ. މެޗަށް ފަހު ލޮތާރި ޓީމުގެ ކެޕްޓަން ސަހާފު ބުނެފައި ވަނީ މުބާރާތަށް އައީ ވެސް ފައިނަލް ކުޅެން ކމަށާއި އެކަން ވުމުން ހިއްހަމަ ޖެހެކަމަށެވެ. ލޮތާރި ގެ ކޯޗް ފިރާޒު(ޕިންޑޭ) ބުނީ ތަށި ނަގަން ތައްޔާރަށް ތިބި ކަމަށެވެ.






