ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި އާސެނަލް ބައްދަލުކުރި މެޗުން 1-1 އެއްވަރުވެ ލީގުގެ އެއްވަނައިގައި އޮތް އާސެނަލަށް ލީޑު ފުޅާކުރުމުގެ ފުރުސަތު ގެއްލިއްޖެއެވެ. މީގެ އިތުރުން ލިވަޕޫލް ވަނީ ވެސްޓް ހަމް އަތުން މޮޅުވެ، އެޓީމު ކުރިމަތިލަމުންދިޔަ ބަލިވުމުގެ ސިލްސިލާއަށް ނިމުން ގެނެސްފައެވެ.
ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މި މެޗުގައި ޗެލްސީގެ މޮއިސެސް ކައިސޭޑޯއަށް 38 ވަނަ މިނެޓުގައި ރަތް ކާޑު ދެއްކުމުން އެޓީމު ކުޅުނީ 10 ކުޅުންތެރިންނާ އެކުއެވެ. ނަމަވެސް ދެވަނަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވެ ޓްރެވޯ ޗަލޯބާ ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ. އާސެނަލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބުކާޔޯ ސާކާ ނަގައިދިން ހުރަހަކުން މައިކަލް މެރީނޯ އެވެ.
ލިވަޕޫލްގެ ތާރީޚުގައި 70 އަހަރުގެ ތެރޭގައި އެންމެ ގޯސް ނަތީޖާތަކަކަށް ފަހު، ވެސްޓް ހަމް އަތުން 2-0 އިން މޮޅުވެ އެޓީމު ވަނީ ހިތްހަމަޖެހުމެއް ހޯދާފައެވެ. ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ އެލެގްޒެންޑަރ އިސާކް އެވެ. މިއީ ލީގުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ. ދެވަނަ ލަނޑު ޖަހައިދިނީ ކޯޑީ ގަޕޯ އެވެ. މި މެޗުގައި ވެސްޓް ހަމްގެ ލޫކަސް ޕަކޭޓާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މި މޮޅާއެކު ލިވަޕޫލް ވަނީ 21 ޕޮއިންޓާއެކު އަށްވަނައަށް ޖެހިލާފައެވެ. ވެސްޓް ހަމް އޮތީ 17 ވަނައިގައެވެ.
މެންޗެސްޓަރ ޔުނައިޓެޑް ވެސް ވަނީ ކްރިސްޓަލް ޕެލަސް އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެފައެވެ. މީގެ އިތުރުން އެސްޓަން ވިލާ ވަނީ ވުލްވްސް އަތުން 1-0 އިން މޮޅުވެ ލީގުގެ ހަތަރުވަނައަށް އަރާފައެވެ. އަދި ބްރައިޓަން ވަނީ ނޮޓިންހަމް ފޮރެސްޓް އަތުން 2-0 އިން މޮޅުވެ ފަސްވަނައަށް ޖެހިލާފައެވެ.






