އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޭބަލްގެ 18 ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑާއި ކުޅެ މެންޗެސްޓާ ސިޓީން 3-2 އިން މުހިންމު މޮޅެއް ހޯދައިފި އެވެ.
މި މޮޅާއެކު، ސިޓީން ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. ސިޓީ އަށް 13 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތް އާސެނަލަށް ވަނީ 12 މެޗުން 29 ޕޮއިންޓް ލިބިފަ އެވެ. ކުރިން ދެ ވަނައިގައި އޮތް ޗެލްސީން މި ވަގުތު ތިން ވަނައިގައި އޮތީ 12 މެޗުން 23 ޕޮއިންޓާ އެކު އެވެ. ޗެލްސީން މާދަމާރޭ ލީގުގައި ކުޅޭނީ ވާދަވެރި އާސެނަލާ ދެކޮޅަށެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ސިޓީން ލީޑުފުޅާކުރީ، 25 ވަނަ މިނިޓްގައި ގްވާޑިއޯލް ޖެހި ގޯލުންނެވެ.
ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނިޓްގައި، ސިޓީ އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ކަލްވެޓްލެވިން ވަނީ ލީޑްސްގެ ފުރަތަމަ ގޯލު ޖަހައިފަ އެވެ. އަދި، ސިޓީގެ ގްވާޑިއޯލް، އެ ޓީމުގެ އޭރިއާތެރެއިން ކަލްވެޓްލެވިން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީން ލީޑްސް އިންނަތީޖާ ހަމަހަމަ ކުރިއެވެ.
ސިޓީއިން މޮޅުވި ލަނޑު ޖެހީ އިތުރު ވަގަތުގެ ފުރަތަމަ މިނިޓްގައި ފުރަތަމަ ލަނޑުވެސް ޖެހި ފޮޑެން އެވެ.
މެންޗެސްޓަރ ސިޓީ މިރޭ ފަހުވަގުތުގައި ދަތިގޮތަކަށް މޮޅުވިނަމަވެސް ، މިރޭ ދެއްކުނު ޕާފޯމަންސަކީ އެ ޓީމުއޮތް ފޯމާ ގުޅިގެން ސަޕޯޓަރުންގެ ކަންބޮޑުވުންތައް ނައްތާލެވޭ ވަރަށްވުރެ ދަށް ޕާފޯމަންސެކެވެ. މިރޭ ލީޑްސް ޔުނައިޓެޑް އަތުން 3-2 ގެ ތަފާތަކުން ސިޓީ މޮޅުވިނަމަވެސް ސިޓީގެ ސަޕޯޓަރުންނަށް ކުރިން ފެންނަ ބާރުގަދަ، އަދި ރީއްޗަށް ކުޅޭ ޓީމު ފެނުނީ އެންމެ ރަނގަޅު ފެންވަރުގައި ނޫނެވެ.
އަނިޔާގެ ސަބަބުންވެސް ސްކޮޑަށް ވަރަށް ބޮޑަށް މިރޭ އަސަރުކޮށްފައިވާއިރު، މިޑްފީލްޑް ރަނގަޅު ނުވުމުން ދިފާޢީ ބަދަލުތައްވެސް ގެންނަން މަޖުބޫރުވިއެވެ.
އަދި ބައެއް މުހިންމު ކުޅުންތެރިން މިރޭގެ މެޗުގައި ނެތުމުގެ ސަބަބުން، ކުރިން މެޗު ކޮންޓްރޯލް ކުރާގޮތަށް ކޮންޓްރޯލް ކުރުމަށް ސިޓީއަށް ދަތިވިއެވެ. މިރޭގެ މެޗުގެ އިތުރުން އެކަން އެ ޓީމުގެ ފަހުން ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކުން ފެނުނެވެ.
މިރޭގެ މެޗަކީ އެ ޓީމުގެ ކުޅުމުގައި މޮޅު ކުޅުމެއް ކުޅެގެން މޮޅުމުވުގެ ބަދަލުގައި ބުރަ މަސައްކަތް ކޮށްގެން ކުރި ހިތްވަރުން ވި މޮޅެއްކަމަށް ފެނެއެވެ.
ސިޓީއަށް އަނބުރާ ފޯމަށް އައުމުގެ ޤާބިލުކަން އަދިވެސް އެޓީމުގައި ހުރިކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. މި ފަހުން ސިޓީ ކުޅުނު މެޗުތަކުގެ ނަތީޖާއިން އެމީހުންނަށް ގޭމްތައް ކާމިޔާބު ކުރެވުނު ނަމަވެސް، އެ ގޭމްތައް ކޮންޓްރޯލް ނުކުރެވެއެވެ.





