އައްޑޫ ޗެމްޕިއަންޝިޕްގައި މިއަދު ކްލަބް ލޮތަރީ އަތުން 5–0 ގެ ބޮޑު ތަފާތަކުން މޮޅުވެ، މައިލޯ ސިޓީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއްވަނައަށް އަރައިފިއެވެ. މި މޮޅާއެކު، މައިލޯ ސިޓީން ވަނީ ތިން މެޗުން 7 ޕޮއިންޓް ހޯދައިފައެވެ.
މެޗުގެ ފެށުން ރަނގަޅުކޮށް، ފުރަތަމަ ނުރައްކާކުރީ ލޮތަރީންނެވެ. މެޗުގެ ތިން ވަނަ މިނެޓުގައި ޝަހައްޕޭ ފޮނުވާލި ހިލޭ ޖެހުން މައިލޯގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ޝަހައްޕޭ އަށް އިތުރު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ބާރެއް ނެތެވެ.
ފުރަތަމަ ހާފުގެ ކުރީކޮޅު ދެ ޓީމުގެ ކުޅުން ހަމަހަމަވެފައި އޮއްވާ، މައިލޯއިން ވަނީ 30 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. ސަބަޓީ ނަގައިދިން ހިލޭ ޖެހުމެށް ލޯތާރިގެ އޭރިއާ ތެރޭގައި ޖެހުނުގަޑީގައި ބޮންޑާ ވަނީ ބޯޅަ ހޯދާ ގޯލުގެ ތެރެއަށް ފޮނުވާލައި މައިލޯއަށް 1–0 ގެ ލީޑެއް ހޯދައިދީފައެވެ.
ދެވަނަ ހާފު ފެށިގެން ދެ ޓީމުންވެސް ކުރިއަށް ޖެހި ކުޅެމުން ދަނިކޮށް، މައިލޯއިން ވަނީ 63 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. ސަބަޓީ ނަގައިދިން އިތުރު ރަނގަޅު ހިލޭ ޖެހިމެއް ލޮތާރީގެ ދިފާއީ ކުޅުންތެރިންގެ މަތިން ނަޝީދު (ފޯވާޑް) ވަނީ ބޮލުން ގޯލަށް ވައްދާލައިފައެވެ. އޭގެ ދެ މިނެޓު ފަހުން ލޮތަރީއަށް ގޯލެއް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އަވަސް ކައުންޓަރ އެޓޭކެއްގައި ސަހައްޕޭ ޕެނަލްޓީ އޭރިޔާ ކައިރިން ވައްޓާލުމުން ލިބުނު ހިލޭ ޖެހުން ގޯލުގެ ހުރަސްދަނޑީގައި ޖެހިފައި އައުމުން، ހެޓޭ ފޮނުވާލުމުން ދިޔައީ ބޭރަށެވެ.
މައިލޯއިން 69 ވަނަ މިނެޓުގައި ހަލުވި ކުޅުންތެރިޔާ ޝަޔާން ކުޅެން އެރުވުމުން، ލޮތަރީގެ ފަހަތަށް އިތުރަށް ބާރުބޮޑުވިއެވެ.
މެޗްގެ 74 ވަނަ މިނެޓުގައި ލޮތަރީގެ މިޝަލް މައިލޯގެ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅައެއް ސަހައްޕޭ ސައިޑް އޯވަރހެޑް ޖެހުމުން މައިލޯގެ ކީޕަރު އަޖުފާން ހުށިޔާރުކަމާ އެކު ސަލާމަތް ކުރިއެވެ. ޖެހިގެން އައި މިނިޓްގައި ލޮތާރި އަށް ލިބުނު ކޯނަރެއް ޕެލޭ ޖެހުމުން ގޯލްގެ މަތީ ދަނޑީގައި ޖެހިފަ ބޮންޑާ އަށް ލިބުމުން އަވަސް ކައުންޓަރ އެޓޭކެށް އުފެއްދިއެވެ.ބޮންޑާ މައިލޯގެ ފަހަތުން ބޮޑު ބޯޅަ އެށް ނަޝީދަށް(ފޯވާޑު) ދިނުމުން، ނަޝީދު ވަނީ ބަދަލު ކުޅުންތެރިޔާ ޝަޔާނަށް ފުރުސަތު ތަނަވަސްކޮށްދީ 3–0 ގެ ލީޑެއް ހޯދައިދީފައެވެ.
ލޮތަރީން ޒުވާން ކުޅުންތެރިން ކުރިއަށް ޖައްސައި ގޯލެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް،ދެންވެސް ގޯލް ޖެހީ މައިލޯ އިންނެވެ. ލޮތާރި ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މައިލޯއިން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ 4–0 އަށް ބަދަލުކޮށްފައެވެ.
މައިލޯއިން މެޗުގެ ފަހު ގޯލު ޖެހީ ނަޝީދާއި ޝަޔާން އަދި ސަބަޓީ ހިމެނޭ ގޮތަށް ރޭވިގެން ކުޅުނު ރީތި ކުޅުމަކަށް ފަހުގައެވެ. މި ގޯލު ކާމިޔާބުކުރީ ސަބަޓީ އެވެ. މި މެޗްގެ މޮޅު ކުޅުން ތެރިޔާއަށް ހޮވުނީ ދެ ލަނޑު ޖެހި ފޯވާޑެވެ.







