ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޘަނަލް ޕަބްލިކް ފެރީ ނެޓްވޯކު" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 2 ގެ ނ. އަތޮޅާއި ރ. އަތޮޅާ ދެމެދު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ ޚިދުމަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދެ އަތޮޅު އާރުޓީއެލްގެ ވިއުގައިން ގުޅުވާލުމަށް ކަނޑައަޅާފައިވާ ދެ ރަށަކީ ނ. މަނަދޫ އާއި ރ. އުނގޫފާރު ކަމަށާއި، މި ޚިދުމަތް ދިނުމަށް ބޭނުންކުރާނީ 32 ފަސިންޖަރުންގެ ޖާގައިގެ ފެރީއެއް ކަމަށެވެ. އަދި މި ފެރީގައި ދެ ސީޓު (އެންސްޕާގައި ރަޖިސްޓްރީވެފައިވާ) ޚާއްޝަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ މިއީ ރަސްމީކޮށް އަގުނަގައިދެން ދޭ ޚިދުމަތެއް ކަމުގައި ވީ ނަމަވެސް، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.
އާރުޓީއެލް ޚިދުމަތް ޖުމުލަ 12 އަތޮޅެއްގައި މިހާރު ދަނީ ދެމުންނެވެ. އެއީ ޒޯން 1 ގެ ހއ.، ހދ.، ށ. އާއި، ޒޯން 2 ގެ ނ.، ރ.، ބ.، ޅ. އާއި ޒޯން 4 ގެ ތ. އާއި ޒޯން 5 ގެ ގއ.، އަދި ގދ. އަދި ޒޯން 6 ގެ ޏ.، ސ. އަތޮޅެވެ. އެމްޓީސީސީން ބުނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ލަފާގެ މަތިން ބާކީ އަށް އަތޮޅުގައިވެސް އާރުޓީއެލް ޚިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.







