ކުރީގެ ރައީސުންގެ އިނާޔަތް މަދުކޮށް ، ކުރީގެ ނައިބު ރައީސުންނަށް 25،000ރ. ގެ އިނާޔަތެއް ދިނުމަށް ހުށަހަޅައި ގާނޫނު އިސްލާހު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދެވެ.
ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ 175،000ރ. ގެ ފައިސާގެ އިނާޔަތާއި އެކަމާ ގުޅޭ އެހެން ކަންކަން ވެސް ކަނޑާލައި އެ ބޭފުޅުން ދައުލަތުގެ އިތުރު މަގާމެއް އަދާކުރައްވާ ނަމަ ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާ ގޮތަށް ގާނޫނު ބަދަލުކުރުން ހިމެނެއެވެ.
އެ ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
މިއަދު ހުށަހެޅުނު އިސްލާހުގައި ވާގޮތުން ކުރީގެ ރައީސަކު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އަދި ދައުލަތުގެ އެ ނޫން މަގާމެއް ވެސް އަދާކުރައްވާ ނަމަވެސް އެ މުއްދަތަށް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާނެ އެވެ.
މީގެއިތުރުން ކުރީގެ ރައީސަކު ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ ނަމަވެސް ހިމާޔަތާއި ރައްކާތެރިކަން ދިނުން ލާޒިމް ނޫން ކަަމަށް އިސްލާހުގައި ވެ އެވެ. އެކަމަކު ރާއްޖޭގައި ހިމާޔަތާއި ރައްކާތެރިކަން ދޭން ވާނެ ކަމަށް ބިލްގައި ބަޔާންކޮށްފައި ވެ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގައި ކުރީގެ ނައިބު ރައީސުންގެ ރައްކާތެރިކަމާއި އިނާޔަތުގެ އެއްވެސް ވާހަކައެއް ކުރިން ހިމަނާފައި ނުވެއެވެ.
ނަމަވެސް މި ފަހަރު ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ އެ ބޭފުޅުންނަށް ދައުލަތުން ކޮންމެ މަހަކު 25،000ރ. ދިނުމަށް ބަޔާންކޮށްފަ އެވެ. އަދި ނައިބު ރައީސުންނަށް ވެސް ރާއްޖެއިން ބޭރުންނާއި ރާއްޖެ އިން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން އިސްލާހުގައި ހިމަނާފައި ވެ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކުރައްވާފައިވާ ބޭފުޅަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. ދައުލަތުން ދޭން ވާނެ ކަމަށެވެ. އަދި އެއް ދައުރަށް ވުރެ ގިނަ ދައުރު އަދާކުރައްވާފައިވާ ބޭފުޅަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 75،000ރ. ދައުލަތުން ދޭން ވާނެ އެވެ.
މީގެ އިތުރުން ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާނެ ތަނަކަށް ހިނގާ ހުރިހާ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެ އެވެ.
ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުން އަންނަ ބައެއް އިނާޔަތްތައް ކުޑަކުރަން ސަރުކާރުން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން އިއުލާން ކުރައްވާފައެވެ.






