ފިހިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ސްޓެލްކޯއިން މިއަދު ވިދާޅުވެއްޖެއެވެ.ސްޓެލްކޯ މުވައްޒަފަކު ފިހިގެން ސީރިއަސް އަނިޔާތަކެއް ލިބިފައިމިވަނީ ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗްގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.
މިކަމާއި ގުޅޭގޮތުން ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެމުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަަމަށެވެ.
އަދި އަނިޔާ ލިބުނު މުވައްޒަފަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފާރުވާދިނުމަށްފަހު އިތުރުފަރުވާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާ ކަމަށްވެސް ސްެޓެލްކޯގެ ބަޔާނުގައިވެއެވެ.
އެ ކުންފުނިން ބުނެފައިވާގޮތުން މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ދަނީ ކުރަމުންނެވެ.
އަދި ހަމަ މިއާއިއެކު މި ހާދިސާގެ މިނިވަން ތަހުގީގެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް ދެމުންދާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.







