ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފައިވާކާން ސާބިތުވެފައި ވާތީ އޭނާ ގާޒީކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ޖޭއެސްސީ އިން މިއަދު ނިންމައިފި އެވެ.
މިގޮތަށް ނިންމިއިރު ފާއިޒް ވަނީ މިދިޔަ އޮކްޓޫބަރު 22 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑު ވެސް ކޮށްފަ އެވެ.
ޖޭއެސްސީން ގާޒީ ފާއިޒްއާ ގުޅޭ ގޮތުން ބަލަމުންދަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި މަރުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ ބަންދާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލަތަކެކެވެ.
ޖޭއެސްސީން ބުނެފައިވާ ގޮތުން ގާޒީ ފާއިޒް ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފައިވާކަން ޖޭއެސްސީގެ ގާނޫނުގައި ބުނާ މިންގަނޑަށް ސާބިތުވެވއެވެ. އެހެންވެ، އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމީއެވެ.
އަލީ އަންވަރު ބަންދުން ދޫކޮށްލުމުން އެހެން އަމުރެއްގެ ދަށުން ހައްޔަރުކުރަން ފުލުހުން މަސައްކަތްކުރި ނަމަވެސް، އޭރު އޭނާ ވަނީ ސްރީ ލަންކާ އަށް ފުރައިގެން ގޮސްފަ އެވެ. ފުލުހުން ވަނީ ލަންކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށް އަލީ އަންވަރު ލަންކާއިން ޑީޕޯޓްކުރުވައިފަ އެވެ. އަދި ރާއްޖެ ގެނައުމާ އެކު އަލުން ހައްޔަރުކުރީ އެވެ.
ގާޒީ ފާއިޒް ވަނީ، އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސް 2021 ވަނަ އަހަރު މަރާލި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ލަމްހާ މީގެ ކުރިން ދެ ފަހަރަކު ބަންދުން ދޫކޮށްލައިފަ އެވެ.
އެ ދެ ފަހަރު ވެސް ދައުލަތުން އެ ނިންމުން ހައި ކޯޓަށް ހުށަހެޅުމުން އެ ނިންމުންތައް ބާތިލްކޮށްފައިވެ އެވެ. އެންމެ ފަހުން މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅު ވެސް ލަމްހާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އެ ނިންމުން ވެސް ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން މި ފަހަރު ވެސް ވަނީ ބަންދާ މެދު އަލުން ގޮތެއް ނިންމަން އަމުރުކޮށްފަ އެވެ.






