އައްޑޫ ސިޓީ ކައުންސިލް ޗެމްޕިއަންޝިޕްގެ ހަތަރު ވަނަ މެޗުގައި މަރަދޫ ފުޓްބޯޅަ ކްލަބުން މީދޫގެ ކްލަބް ލޮތަރީ އަތުން 1-0 ގެ ހަނި ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓް ހޯދައިފިއެވެ. މިއީ މުބާރާތުގައި ދެ ޓީމު ކުޅުނު ދެ ވަނަ މެޗެވެ.
މެޗު ފެށިގެން ލޮތަރީން ވަރުގަދަ ކުޅުމެއް ދެއްކިއިރު، މެޗުގެނ ކުރީކޮޅު ފުރަތަމަ ފުރުސަތު ހޯދީ ފުރަތަމަ ޑިވިޝަނުގައި ކްލަބް އީގަލްސްއަށް ކުޅޭ އެ ޓީމުގެ ސަހައްޕޭއެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. މެޗްގެ 13 ވަނަ މިނިޓުގައި މަަރަދޫގެ ރިޒުހާން އަށް ކޯނަރަކުން ލިބިނު ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތެވެ. އެއަށްފަހު ސިކުންތުކޮޅެއްގެ ތެރޭގައި އަނެއްކާވެސް މަރަދޫ އިން ލޮތާރިގެ އޭރިއާ ތެރެެއަށް ނެގި ހުރަސް ބޯޅައެއް ރިޒުހާން ބޮލުން ފޮނުވާލި ނަމަވެސް މީދޫގެ ގޯލްކީޕަރު ސޭވްކުރިއެވެ.
މަރަދޫން ލޮތާރީގެ ޑިފެންސަށް ބާރުބޮޑުކޮށް ފުލުފުލުގަ ޗާންސް ހޯދަމުންގޮސް އެ ޓީމަށް ކާމިޔާބީ ލިބުނީ 12 ވަނަ މިނިޓުގައެވެ. ކޯނަރަކުން އައި ބޯޅައެއް މަރަދޫގެ ކުޅުންތެރިއަކު ބޮލުން ޖެހުމުން، އެ ބޯޅަ ޒާކީއަށް ލިބުމުން ވަރަށް ރީތިކޮށް ޒާކީ ވަނީ ވައްދާލާފައެވެ.
ލޮތަރީން ވެސް ކައުންޓަރ އެޓޭކެއްގައި ލިބޭ ޗާންސް ތަކުގައި ދިޔައީ މަރަދޫ އަށް ޕްރެޝާ ކުރަމުންނެވެ މިގޮތުން ފުރަތަމަ ހާފުގައި އެ ޓީމަށް ލިބުނު އެންމެ ރަގަޅު ފުރުސަތަކީ 41 ވަނަ މިނިޓުގައި އިޔާން މަރަދޫ ގެ ތިން ޑިފެންޑަރު ކައިރިން ނައްޓާލައި ޕެނަލްޓީ އޭރިއާއަށް ވަދެ ފޮނުވާލި ހަމަލާއެވެ. ނަމަވެސް އެ ހަމަލާ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. ހާފު ނިމުމުގެ ކުރިން މަރަދޫގެ ކެޕްޓަން އަތޫފް ބޭރުން ފޮނުވާލި ބޯޅައެއް މީދޫގެ ގޯލްކީޕަރު ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.
ދެ ވަނަ ހާފުގައި ލޮތަރީގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރިއެވެ. ޚާއްސަކޮށް ސަހައްޕޭގެ ކުޅުން ފާހަގަވިއެވެ. ލޮތާރިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގިނަ ފުރުސަތުތައް ތަނަވަސް ކުރިއެވެ. 57 ވަނަ މިނިޓުގައި ސަހައްޕޭއާއި ސެންޓޭ ގުޅިގެން އުފެއްދި ހަމަލާ މަރަދޫގެ ގޯލްކީޕަރު ވަނީ ހުއްޓުވާފައެވެ. އޭގެ ފަހުން މިނިޓެއްގެ ތެރޭގައި މަރަދޫން ކައުންޓަރ އެޓޭކެއްގައި،މަަރަދޫ ގެ ޒާކީ މެދުތެރެއިންލިބުނު ބޯޅައެށް އޭރިއާ ތެރެއަށް ވަދެފަ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.
ދެވަނަ ހާފްގެ ފަހު 15 މިނިޓް ފެށިގެން ލޮތަރީން ލަޑެއް ޖެހޭތޯ ވަރައްބޮޑަށް މަސައްކަތް ކުރިއެވެ.
ނަމެވެސް ހަސަން ލައުހު (ހަސަނާ) ވަނީ ލޮތާރިގެ އެޓޭކް ހުށްޓުވުމުގައި ފަހަތުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.
މެޗަށްފަހު މަރަދޫގެ ކެޕްޓަން އަތޫފް ބުނީ ޓީމުގެ ކުޅުމާ މެދު ހިތްހަމަ ނުޖެހުނަސް މޮޅުވުން އުފާވާ ކަމަށާއި، ޓީމަށް މިއަށްވުރެ މާ ރަނގަޅަށް ކުޅެވޭނެ ކަމަށެވެ. ލޮތާރިގެ ކޯޗް ބުނެފައިވަނީ ޓީމުގެ ކުޅުން ރަނގަޅު ނަމަވެސް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުން ޕޮއިންޓެއް ނުލިބުން ދެރަވާ ކަމަށެވެ.





