ދިވެހި ފުލުހުންގެ ޚިދުމަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ބޮޑު އޮޕަރޭޝަނެއް ކަމަށްވާ 'އޮޕަރޭޝަން އަލިމަގު'ގެ ތަފްސީލުތައް މިއަދު ހާމަކޮށްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގެ 39 ރަށެއްގައި 500 ފުލުހުން ބައިވެރިވެގެން ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ.
އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި މި އޮޕަރޭޝަނުގެ މައުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ، މި އޮޕަރޭޝަނުގައި ޖުމްލަ 110 މީހުން ހައްޔަރުކުރި ކަމަށާއި، މީގެ ތެރެއިން ގިނަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ކަމަށެވެ. މީގެ އިތުރުން، 105 ތަނަކާއި، 9 އެއްގަމު އުޅަނދާއި، 1 ކަނޑު އުޅަނދު ވަނީ ބަލާ ފާސްކޮށްފައެވެ.
އޮޕަރޭޝަން އަލިމަގުގެ މުހިންމު ތަފާސްހިސާބުތައް:
ޑިޕްލޮއި ކުރެވުނު ފުލުހުން: 500
އޮޕަރޭޝަން ހިނގުނު ރަށުގެ އަދަދު: 39
ބަލާފާސްކުރި ތަންތަން: 105
ހައްޔަރުކުރެވުނު މީހުން: 110
އަތުލައިގަނެވުނު މަސްތުވާތަކެތި: 29.68 ކިލޯ
މި އޮޕަރޭޝަނުގައި ޖުމްލަ 29.68 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. އޮޕަރޭޝަން ހިންގުނު ރަށްތަކުގެ ތެރޭގައި ހދ.ހަނިމާދޫ، ކުޅުދުއްފުށި ސިޓީ، މާލެ ސިޓީ، ފުވައްމުލައް ސިޓީ އަދި ގިނަ އަދަދެއްގެ އަތޮޅުތަކުގެ ރަށްތައް ހިމެނެއެވެ. އޭގެ ތެރޭގައި ށ.ފުނަދޫ، ނ.މާޅެންދޫ، ޅ.ހިންނަވަރު، ރ.އިނގުރައިދޫ، ބ.ދަރަވަންދޫ، އއ.އުކުޅަސް، ކ.ގުޅި، ވ.ތިނަދޫ، ފ.ނިލަންދޫ، ދ.މީދޫ، ތ.ދިޔަމިގިލި، ލ.ގަން، ގއ.ކޮލަމާފުށި، ގދ.ފަރެސްމާތޮޑާ އަދި ސ.ހިތަދޫ ހިމެނެއެވެ.
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށާއި، މި އޮޕަރޭޝަނުން ލިބުނު މަޢުލޫމާތުތައް މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުން ކަމަށެވެ.
ނާއިފް ވިދާޅުވީ އެ އޮޕަރޭޝަންގައި ހައްޔަރުކުރި 119 މީހުންގެ ތެރެއިން 61 މީހަކު ޑްރަގަށް ޕޮޒިޓިވްވި ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރީ 38 މީހަކު ކަމަށެވެ.






