އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ތިންވަނަ މެޗް ގައި ފޭދޫގެ ފްރެންޑްސް ކްލަބާއި ހިތަދޫގެ މައިލޯ ސިޓީ ބައްދަލު ކުރި މެޗް ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.
ފޭދޫ އަދި ހިތަދޫ އާއި ދެމެދު ފުޓްބޯޅައިގައި އޮންނަ ދިގު ތާރީޚީ ވާދަވެރިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ސަޕޯޓަރުން ދިޔަ މި މެޗުގެ ފުރަތަމަ ފުރުސަތު ލިބުނީ މައިލޯގެ ޝަޔާން އަށެވެ.
މެޗްގެ 12 ވަނަ މިނިޓުގަޝިޔާން އަށް ލިބުނު ފުރުސަތު އޭނާއަށް ލަނޑަކަށް ބަދަލުކުރެވޭ ގޮތެއް ނުވިއެވެ. ފްރެންޑްސް ކްލަބުން ފުރަތަމަ ހަމަލާ އުފެއްދުނީ ފުރަތަމަ ހާފް ނިމެން ކައިރިވެފައި ވަނިކޮށް، 41 ވަނަ މިނިޓުގައި ލިބުނު ހާފް ޗާންސެއްގައި ފޭދޫ އިއްބެއަށެވެ. ނަމަވެސް އިއްބެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އޭގެ 4 މިނިޓް ފަހުން ފްރެންޑްސް ކުލަބުގެ މިޞްރު ފޯވަޑް ރިފާތު ޕެނަލްޓީ އޭރިއާ ތެރެއިން ހިފައިގެން ދިޔަ ބޯޅަ ހޯދުމަށް ޖެހި ޓެކުލް ރިފާތު ވެއްޓުމުން ޕެނަލްޓީއަކަށް އެދި ފްރެންޑްސް ކްލަބުގެ ކުޅުންތެރިން ވަރަށް ބޮޑަށް އެޕީލް ކުރިއެވެ. ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީ އެެއް ނޫން ކަމަށެވެ.
މެޗު ކުރިއަށްދިޔަ ވަރަކަށް މައިލޯއަށްވުރެ ބޮޑަށް ފްރެންޑްސް ކުލަބުން މައިލޯގެ ހާފް ތެރޭގައި ކުޅެ ޗާންސް އުފެއްދޭ ތޯ ބެލިއެވެ.
މެޗުގެ 54 ވަނަ މިނިޓްގައި ފްރެންޑްސް ކްލަބުގެ މިސްރު ފޯރވާޑު ރިފާތު ގޯލެއް ވެސް ޖެހިއެވެ.
ނަމަވެސް އެސިސްޓެންޓް ރެފްރީ ނިންމީ ބޯޅަ ލިބުނު ގަޑީގައި ރިފާތު ހުރީ އޮފްސައިޑް މަގާމުގައި ކަމަށެވެ.މި ނިންމުމާ ގުޅިގެން ފޭދޫ ބެންޗުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ. މެޗް ކުރިއަށް ދިޔަ ވަރަކަށް ފްރެންޑްސް ކްލަބުން މެޗް ކޮންޓްރޯލްކުރި ނަމަވެސް، މައިލޯގެ ޑިފެންސް ފެނުނީ ވަރަށް ބޮޑަށް އޯގަނައިޒް ކޮށްނެވެ.
މެޗުގެ 76 ވަނަ މިނިޓުގައި ފްރެންޑްސް ކްލަބަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ފޭދޫ އިއްބެ ބޮލުން ޖެހި ބޯޅަ ކީޕަރު އަޖުފާން ޕަންޗު ކުރުމުން އިބީއަށް ލިބުމުންޖެހި ބޯޅަ މައިލޯގެ މަޓާ ހުށިޔާރު ކަމާއެކު ގޯލް ލައިން މަތިން ދިފާއުކުރިއެވެ.
ވާދަވެރި ކުޅުމަށްފަހު، މެޗު ނިމިގެންދިޔައީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މެޗަށް ފަހު ސަބަބު އެމްވީ އާ ވާހަކަ ދައްކަމުން މައިލޯގެ ކޯޗު ދިންމާ ބުނީ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެ މެޗުން ލިބުނު ނަތީޖާއާއި މެދު ހިތްހަމަޖެހޭ ކަމަށެވެ.
ނަމަވެސް ފްރެންޑްސް ކްލަބުގެ މެނޭޖަރު ބުނެފައިވަނީ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ކަމަށާއި،ޓީމަށް ޕެނަލްޓީއެއް ލިބެންޖެހޭނެ ކަމަށާއި، ކެންސަލްކުރި ލަނޑަކީ އޮފްސައިޑް ލަނޑެއް ނޫން ކަމަށެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މައިލޯ ސިޓީ ސްޕޯޓްސް ކްލަބުގެ ކަޅޭއެވެ.
މި މުބާރާތުގެ މިއަދު މެޗުގައި ބައްދަލުކުރާނީ މީދޫ ލޮތަރި އަދި މަރަދޫ އެފްސީއެވެ. މި މެޗުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.







