މާލޭގެ ޕާކިންގ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދޭ ބޮޑު މަޝްރޫޢު، ޕާކިންގ ބިލްޑިންގތައް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ކޮންޓްރެކްޓަރުންނާ ޙަވާލުކުރާނެ ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމްގެ "ހަފުތާ 104" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު އަމީން ވިދާޅުވީ، މާލޭގެ ޕާކިންގއާއި ވެހިކަލް މައްސަލަ ޙައްލުކޮށްދިނުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމަށާއި، މި މަސައްކަތަކީ ވަރަށް ބޮޑެތި ބިންތަކެއް ބޭނުންވާ އަދި ބޮޑެތި ޚަރަދުތަކެއް ހިނގާނެ މަސައްކަތެއް ކަމަށެވެ. ސަރުކާރުން ވަނީ މާލެ ސަރަޙައްދުގައި ޖުމްލަ 7500 އެއްހާ އުޅަނދު ޕާކު ކުރެވޭނެ ޖާގައިގެ 15 ޕާކިންގ އިމާރާތް އެޅުމަށް ނިންމާފައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް އެޗްޑީސީއާއެކު އެއްބަސްވުމެއްވެސް ވަނީ ޤާއިމުކުރެވިފައެވެ.
ޕާކިންގ ބިލްޑިންތަކުގެ މަސައްކަތުގެ ޢަމަލީ ފިޔަވަހިތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އަމީން ފާހަގަކުރެއްވި ގޮތުގައި، މިހާރު މި މަސައްކަތް އޮތީ ކޮންޓްރެކްޓަރުންނާ ޙަވާލުކުރުމުގެ މަރުޙަލާގައެވެ. "މިހާރު މިއޮތީ، މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަރުހަލާގައި. 1 މަސް ތެރޭ ކޮންޓްރެކްޓަރުންނާ ޙަވާލުކުރާނެ. އަދި 3-4 މަސް ތެރޭގައި ޢަމަލީ މަސައްކަތްތައް ފެށޭނެ."
މި ޕާކިންގ ބިލްޑިންގތަކުގައި ވިޔަފާރި އުސޫލުން ދޫކުރާ ޕާކިންގ ސްލޮޓްތަކުގެ އިތުރުން، އާއްމު ޚިދުމަތްތަކަށް ބޭނުންކުރާ ވެހިކަލްތަކަށް ޚާއްޞަ ޕާކިންގ ސްލޮޓްތައްވެސް ހިމެނޭނެ ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. މިއީ މާލޭގެ ދަތުރުފަތުރުގެ ދާއިރާއަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރާ މުހިންމު މަސައްކަތެކެވެ.





