މަޖިލީހުގެ މެމްބަރަކު އޭނާ ތަމްސީލުކުރައްވާ ސިޔާސީ ޕާޓީން ވަކިވެއްޖެ ނަމަ، އެ މެމްބަރުގެ ގޮނޑި ގެއްލުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭ ގޮތަށް މުޅި މަޖިލީހުގެ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ފަހުކޮޅު 20 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ.
ފަހުން ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު އެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި އޮތީ ޕާޓީ ބަދަލު ކުރުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަން ގެއްލޭނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކުން ފާސްވެގެން ކަމަށް ކަނޑައެޅުމަށެވެ.
ނަމަވެސް، މުޅި މަޖިލީހުގެ ކޮމެޓީން އެ ބިލް ދިރާސާ ކުރުމަށްފަހު ވޯޓަށް އެހިއިރު، ފުނަދޫ ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ މެމްބަރު މުހައްމަދު މަމްދޫހު ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ގޮތަށް އޮތް މާއްދާ އުނިކުރަން ހުށަހަޅުއްވައިފަ އެވެ. މަމްދޫހުގެ ހުށަހެޅުމަކީ، ޕާޓީން ވަކިވުމާއެކު ގޮނޑި ގެއްލޭނެ ގޮތަށް އޮތް އިސްލާހުގައި ރައްޔިތުންގެ ވޯޓުގެ ބައި ނުހިމެނުމެވެ.
މި ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެ މާއްދާ އުނިކުރަން ނުފެންނަ ކަމަށް 8 މެމްބަރަކު ވޯޓު ދެއްވި އިރު، 2 މެމްބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.







