ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެ ޕާޓީއަށް އެންމެ ފަހުން ބޭއްވި ހުރިހާ އިންތިޚާބުތައް ނާކާމިޔާބުވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް، އެ މަނިކުފާނުމެންނާ ނުލައި އެކަން ކާމިޔާބުކުރެއްވޭނެ ކަމަށް ގަބޫލު ކުރެއްވުމުން ކަމަށް މިއަދު ވިދާޅުވެއްޖެއެވެ. ނަޝީދު މި ވާހަކަ ވިދާޅުވީ އެމްޑީޕީގެ ކުރީގެ އަދި މިހާރުގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެންމެ ފަހުގެ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ގެއްލުނު މައިގަނޑު ސަބަބަކީ، އެމަނިކުފާނުގެ ފެކްޝަނުގެ ބައިވެރިވުމެއް ނެތިވެސް ކާމިޔާބު ވާނެ ކަމަށް ގަބޫލުކުރެވުމެވެ. އެމަނިކުފާނު ވަނީ މިކަމާ ގުޅޭގޮތުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ.
ނަޝީދު ވިދާޅުވީ، "އަޅުގަނޑުމެންނާ ނުލައި އިންތިޚާބު ކާމިޔާބު ވާނެ ކަމަށް މާ ބޮޑަށް ދެކެވި މުޅި ކަން ހަރާބުވީ،" އެވެ. މީގެ އިތުރުން ނަޝީދު ވަނީ އެމަނިކުފާނު ކުރިމަތި ނުލައްވައި، ރައީސް ޞާލިޙަށް ފުރުސަތު ދެއްވުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތްކުރެއްވި ކަމަށް ހާމަކުރައްވާފައެވެ. ނަމަވެސް، ރައީސް ޞާލިޙާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުންނަށް އެ ގޮތް ކަމުނުދިޔަ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި މެސެޖުގައި ނަޝީދު ވަނީ، 2023 ގެ ރިޔާސީ އިންތިޚާބާއި 2024 ގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ގެއްލުނު ގޮތް ސާފުކޮށްދެއްވި ކަމަށްޓަކައި ފައްޔާޒަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިކަމުން ދައްކުވައިދެނީ އެމްޑީޕީގެ ތެރޭގައި އިންތިޚާބުތަކުގެ ނާކާމިޔާބީއާ ގުޅޭ ގޮތުން އަދިވެސް ބަހުސްތައް ހިނގަމުންދާ ކަމެވެ.






