އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން ފައްޔާޒް އިސްމާއީލް ދެންމެ އިސްތިއުފާ ދެއްވައިފި އެވެ.
މިހާރު ކުރިއަށްދާ ގައުމީ މަޖިލީހުގެ ޖަލްސާ ނިންމަވަމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވިކަން ވަނީ އިއުލާނުކުރައްވާފައެވެ.
ފައްޔާޒްގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވާ ގޮތުން މަގާމުން އިސްތިއުފާ ދެއްވަނީ އޭނާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހަކަށް ވެފައި، އެހެން ބޭފުޅަކު ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް އެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުންވެސް އިސް ސަފުގައި ތިއްބެވުމުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް ހުރުމުން ކަމަށެވެ. މިހާރު ހުރި ގޮންޖެހުންތަކާއި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިގެންދާ މަންޒަރު ފެންނަކަމަށް ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.







