ދިވެހިރާއްޖޭގެ ދިފާޢީ ވުޒާރާ (މިނިސްޓްރީ އޮފް ޑިފެންސް) އިން އެމެރިކާގެ މަޝްހޫރު ދެ އަސްކަރީ އެކެޑަމީއެއްގައި ބެޗްލަރސް ޑިގްރީ ފެންވަރަށް ކިޔެވުމުގެ 12 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ފުރުޞަތުތައް ހުޅުވާލާފައިވަނީ ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑަމީ (ޔޫ.އެސް.އޭ.އެފް.އޭ) އާއި ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ (ޔޫ.އެސް.އެމް.އޭ) ގެ ކްލާސް އޮފް 2030 އަށެވެ. މި ދެ އެކެޑަމީގައި ކިޔެވުމަށް 4 އަހަރުގެ މުއްދަތަށް ޖުމްލަ 12 ޖާގަ ހަމަޖައްސާފައިވެއެވެ.
މިގޮތުން ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑަމީ (USAFA) ގައި ކިޔެވުމަށް 06 ޖާގަ އިއުލާންކޮށްފައިވެ އެވެ. 2026 ވަނަ އަހަރުގެ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯސްތަކަކީ 4 އަހަރުގެ މުއްދަތަށް ބެޗްލަރސް ޑިގްރީގެ ފެންވަރަށް ކުރިއަށް ގެންދެވޭ ކޯސްތަކެކެވެ. މި އެކެޑަމީގެ ދަށުން އެރޮނޮޓިކަލް އިންޖިނިއަރިންގ، އެސްޓްރޮނޮޓިކަލް އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، ސައިބަރ ސައިންސް، މެކޭނިކަލް އިންޖިނިއަރިންގ، އަދި މިލިޓަރީ ސްޓްރެޓެޖިކް ސްޓަޑީޒް ފަދަ ގިނަ ދާއިރާތަކުން މޭޖަރ ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު އެކެޑަމީގެ އޮފިޝަލް ވެބްސައިޓް http://www.usafa.edu އިން ލިބިލައްވާނެއެވެ.
ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ (USMA) އަށް ވެސް 06 ޖާގަ ހިމެނޭއިރު، މިއީ ވެސް 2026 ވަނަ އަހަރުގެ ޖޫން މަހު ފެށިގެން 4 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ ބެޗްލަރސް ޑިގްރީ ޕްރޮގްރާމެކެވެ. މިލިޓަރީ ދާއިރާގެ މި ކޯސްތަކުގައި ކެމިސްޓްރީ، އިންޖިނިއަރިންގ، ޑިފެންސް ސްޓްރެޓެޖިކް ސްޓަޑީޒް، އިންޓަރނޭޝަނަލް ރިލޭޝަންސް، މެނޭޖްމަންޓް، އަދި ސައިކޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ދެ ކޯހަށް އެދި ހުށަހަޅާ ފަރާތްތަކަކީ 2026 ވަނަ އަހަރުގެ ޖުލައި 01 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ، އަދި ޒަވާޖީ ހަޔާތެއް ފަށާފައިނުވާ ފަރާތްތަކަށް ވާންޖެހެއެވެ. މީގެ އިތުރުން، އޭ ލެވެލް ހަދާފައިވާ އަދި ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތްތަކަށް ވުމަކީ ވެސް މުހިންމު ޝަރުތެކެވެ.
ޚާއްޞަކޮށް USAFA އަށް އެދޭ ފަރާތްތަކުން ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ (ACT) ހަދާފައިވުން ވެސް ޝަރުތުކަމަށް ބަޔާންކޮށްފައިވެއެވެ. މި ސްކޮލަރޝިޕްތަކާ ބެހޭ އިތުރު ތަފްސީލުތައް މިނިސްޓްރީ އޮފް ޑިފެންސްއިން ގެޒެޓްގައި ޝާއިޢުކޮށްފައިވެއެވެ.






