ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލުމުގެ ފުރުޞަތެއް އެއްވެސް މުވައްޒަފަކަށް ނުދޭނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޤާނޫނާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން މޭ 23 ވަނަ ދުވަހު 32 ކާޓަން ސިނގިރޭޓު ބިދޭސީއެއްގެ އަތުން ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށެ ގެނެސް، މި ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް ނޮވެންބަރު 12 ވަނަ ދުވަހު ބެލިއިރު، މި ތަކެތީގެ ތެރެއިން ހަ ކާޓަން ސިނގިރޭޓު މަދުކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލަމުން ދަނިކޮށް، ދެ ބިދޭސީއެއްގެ އަތުން 2024 ޑިސެންބަރު 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި 25 ކާޓަން ސިނގިރޭޓުވެސް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން މި ދެ މައްސަލައާ ގުޅޭގޮތުން ފުރިހަމަ ތަޙުޤީޤެއް ހިންގަމުންދާ ކަމަށާއި، ޖިނާއީ ތަޙުޤީޤުތައް ވަކި މައްސަލަތަކެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޚިދުމަތުގެ އަޚްލާޤީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާ ޚިލާފު މިފަދަ ކޮންމެ ކަމަކީ ބޮޑު އިސްކަމެއް ދީގެން ތަޙުޤީޤުކޮށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަންކަން ކަމަށާއި، ފުލުހުންގެ ބެލުމގުެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަޚުލާޤާއި، ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ބުނެ ފުލުހުން ވަނީ މިކަމުގައި ބައިވެރިވެފައިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނެ ކަމަށްވެސް ބުނެފައެވެ.
"މި މުއައްސަސާގެ ހުރުމަތް ކުޑަކޮސް އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފުރުޞަތެއް ނުދޭނެ. ފުލުހުންގެ ޚިދުމަތުގެ ހުރިހާ މުވައްޒަފުންނަކީވެސް، ޖަވާބުދާރީވުމާއި، ނަޒާހަތްތެރިކަން ހިފަހައްޓައި ސާބިތުކަމާއެކު ދެމިތިބެ، އިޚްލާޞްތެރި ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ، މި މުއައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަންކުރަމުން ގެންދާ މައިގަނޑު އަމާޒު"، ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.






