އިސްލާމްދީނުގެ ހުދޫދުން ބޭރުނުވާ ގޮތަށް ކަންކަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.ރައީސް މިގޮތަށް އެދިވަޑައިގަތީ އެކްސް (ކުރީގެ ޓްވިޓާ) މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ދިވެހި ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ އަރިހުން އިސްލާމްދީނުގެ ހުދޫދުން ބޭރުނުވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާކަމަށެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމުން، ކޮންމެ ރައްޔިތަކު ވެސް އުފަލާއެކު އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަމަލުތައް ބެހެއްޓުން މުހިންމު ކަމަށް ދެކެލައްވާކަަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުސްލިމުންގެ ސަގާފަތާއި ހިލާފު ކަންކަމާ ދުރުވާންޖެހޭނެ ކަމަށާއި، ފިލްމާއި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ވެސް މިކަމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. "މުސްލިމުންގެ ސަގާފަތާއި ހިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެ. ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް،" ރައީސްގެ ޕޯސްޓުގައި ވެއެވެ.
މީގެ އިތުރުން ރައީސް ވަނީ ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާއެއްގޮތަށް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ވުމަކީ މި ގައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތް ކަމަށް ވެސް ފާހަގަކުރައްވާފައެވެ. އެހެންކަމުން ދިވެހި މުޖުތަމަޢުގެ އަގުތަކާއި ހިލާފުނުވާނެ ގޮތަކަށް މަސައްކަތްކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ، ރޭ ބޭއްވި "ލިލީ" ފިލްމުގެ ޕްރިމިއާ ނައިޓަށް ފިރިހެނަކު ލައިގެން ދިޔަ ހެދުމަކާ ގުޅިގެން މުޖްތަމައުގެ ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެ މީހާ ލައިގެން ހުރީ ކުރުތާ ޒާތުގެ ހެދުމެއް ކަމަށްވާއިރު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެއީ "އަންހެނުން ލާ ވައްތަރުގެ ހެދުމެއް" ކަމަށް ބުނެ ފާޑުކިޔަމުންނެވެ. އަދި ރާއްޖެ ފަދަ އިސްލާމީ މުޖްތަމައެއްގައި މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އާންމުން ދަނީ ބުނަމުންނެވެ. މިފަދަ ހާދިސާތަކަށް އިޝާރާތްކުރައްވާ ރައީސް ދެއްވި އިރުޝާދަކީ، ދިވެހި ފިލްމީ ދާއިރާގެ މަސައްކަތްތައް އިސްލާމީ އަގުތަކާ އެއްގޮތަށް ބައްޓަންކުރުމަށް ދެއްވި ބާރެއް ކަމަށް ބެލެވެއެވެ.







