މަސްތުވާތަކެތީގެ މައްސަލައެއްގައި ފ. ބިލެތްދޫ އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފ. ބިލެތްދޫ / ޑޭޒީމާގެ، ނަޒަވާން ނާފިޢު (22އ) އާއި، ފ. ބިލެތްދޫ / ޗާންދަނީ ވިލާ، އައިމަން ނަޝީދު (26އ) އެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ބިލެތްދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ބޭނުންކުރަން ތިބިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ ދެމީހުން ހައްޔަރުކޮށް އެ މީހުން ތިބި ކޮޓަރި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނުމާ ގުޅިގެން ކަމަށެވެ.
އަދި މި ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.






