ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް މިއަދުވެސް ކެންސަލް ވެއްޖެއެވެ.
މިއީ 2016 އިން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނަވައި، އެފްއޭއެމްގެ އެކައުންޓުގެ ޗެކެއް 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ތައްޔާރުކުރުވައި، ޗެކުގައި އޭނާ ސޮއިކޮށް، ފީފާ އިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށް ޓަކައި، އަމީން ކޮންސްޓްރަކްޝަނަށް ދޫކުރި މައްސަލައެވެ.
މިއަދުގެ އަޑުއެހުން ކެންސަލް ކުރީ މި މައްސަލައިގައި ހިމެނޭ އެފްއޭއެމްގެ ކުރީގެ ފައިނޭންޝަލް ހެޑް މުހައްމަދު އަގީލް ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން އަމުރު ނެރެފައި އޮތް ނަމަވެސް، އޭނާ ބަންދު ނުކުރެވުމުގެ ސަބަބުންނެވެ. މިއީ މި މައްސަލައިގެ ޝަރީއަތް ބޭއްވުމަށް ހުރަސް އެޅުނު ދެވަނަ ދުވަހެވެ.
މައުލޫމާތު ލިބިފައިވާގޮތުން އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު 8:15 އަށް ތާވަލު ކުރެވިފައިވީ ނަމަވެސް، އަގީލް ހާޒިރު ނުވުމުގެ ސަބަބުން، މިއަދުގެ އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފައެވެ. އިއްޔެވެސް އޮތް އަޑުއެހުމަށް އަގީލް ހާޒިރުވެފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން މިއަދު ކޯޓަށް ހާޒިރު ކުރަން އަމުރު ނެރެފައި ވެއެވެ. ނަމަވެސް، އެ އަމުރު ތަންފީޒު ކުރެވިފައި ނުވާތީ، ޝަރީއަތް ކުރިއަށް ގެންދެވިފައި ނުވެއެވެ.
މި މި މައްސަލައިގައި ބައްސާމް ގަނެފައިވާ ޕެންޓްހައުސް ފުލުހުން މިދިޔަ އަހަރުން ފެށިގެން ވަނީ ހިފަހައްޓާފައެވެ.
މި މައްސަލައިގައި އަގީލްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.






