އިންޑިއާގެ ރަޝްޓްރީޔާ ރަކްޝާ ޔުނިވަރސިޓީ (އާރްއާރްޔޫ) އާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު ގުޅިގެން ކުރިއަށް ގެންދާ އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި މި މަހުގެ 15 އިން 20 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ގާނޫނު ތަންފީޒުކުރާ އަދި ސައިބަރ މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކުގެ ތަހުގީގީ އަދި ތަހުލީލީ ގާބިލިއްޔަތުކަން އިތުރުކޮށް ހަރުދަނާކުރުމަށެވެ. އިންޑިއާގެ ރަޝްޓްރިޔާ ރަކްޝާ ޔުނިވަރސިޓީގެ ތަޖުރިބާކާރު މުދައްރިސުން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ސައިބަރ ހާދިސާތަކާއި ޑިޖިޓަލް ހެކި ގެންގުޅުމަށް އެންމެ ފަހުގެ ވަސީލަތްތަކާއި، މެތަޑޮލޮޖީތަކާއި، އޮނިގަނޑުތައް ދަސްކޮށްދެވޭނެ ކަމަށާއި، މި ދާއިރާގެ ކޭސް ސްޓަޑީތަކާއި، ތަމްރީނުތަކަށް އަމާޒުކޮށް ސައިބަރ ކުށްތަކުގެ ތަހުގީގުތަކުގައި އަމަލުކުރާނެ ގޮތްތައްވެސް ދަސްކޮށްދޭނެ ކަމަށް ފުލުހުން ހާމަކުރެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ޕްރޮގްރާމްގެ ބައިވެރިންނަށް އެކަށީގެންވާ ޑިޖިޓަލް ތަހުގީގުތަކަށް މައިގަނޑު މެތަޑޮލޮޖީ ދެނެގަނެ ތަންފީޒުކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށާއި، ކޯޓުގައި ހެކީގެ އިންޓެގްރިޓީ އަދި ގަބޫލުކުރެވޭ މިންވަރު ޔަގީންކުރުމަށް ހެކި ބެލެހެއްޓުމާއި ހޯދުމުގައި އެންމެ ރަނގަޅު އުސޫލުތައް ދަސްވެގެންދާނެ ކަމަށެވެ.
އަދި މުހިންމު ހެކިތަކާއި ޑިޖިޓަލް ނިޝާންތައް ހާމަކުރުމަށް އޮޕަރޭޓިންގ ސިސްޓަމްތަކާއި ފައިލް ސިސްޓަމްތައް ތަހުލީލިކުރުމާއި ވާދަވެރިން ބޭނުންކުރާ މެމޮރީ ފޮރެންސިކްސް އަދި މެލްވެއަރ ޕަރސިސްޓެންސް ޓެކްނިކްތައް ދެނެގަތުމަށް ތަހުލީލުކުރުމާއި ސައިބަރ ހަމަލާތައް ދެނެގަނެ އަލުން އެކުލަވައިލުމަށް ނެޓްވޯކް ފޮރެންސިކްސް އަދި ލޮގް އެނަލިސިސް ކުރިއަށްގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް އަދި ޒަމާނީ ޑިޖިޓަލް މާހައުލުތަކުގައި ނުރައްކާތައް ކުޑަކުރުމަށް އެންޓަރޕްރައިޒް ސްކޭލް އަދި ކްލައުޑް އިންސިޑެންޓް ރެސްޕޮންސްއަށް ސްޓްރެޓެޖީތައްވެސް ދަސްކޮށްދޭނެއެވެ.
މި ޕްރޮގްރާމްގައި، 22 ފުލުހުންނާއި، މޯލްޑިވްސް ކަސްޓަމް ސާވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސްއާއި، މޯލްޑިވްސް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިތުރުން ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއިން ބައިވެރިިވެއެވެ.







