ދިވެހި ފުޓްބޯޅައިގެ އެންމެ އުޖާލާ ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހަސަން ރާއިފް “ހަންނަ” އަކީ މި ސީޒަންގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެއް ކުޅުންތެރިޔާ އެވެ. ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބަދަލުވުމާއެކު އޭނާ ދައްކަމުންދާ މޮޅު ކުޅުމާއި، ގައުމީ ޓީމާއެކު ދެއްކި މޮޅު ކުޅުމުގެ ސަބަބުން، ހަންނަގެ ނަން އިތުރަށް ފާހަގަވެގެން ގޮސްފައިވެއެވެ.
ކްލަބް އީގަލްސްގެ ޒުވާންޓީމުން ފުޓްބޯޅަ ކެރިއަރު ފެށި ހަންނަ، ފުރަތަމަ ފާހަގަ ކުރެވުނީ ޔޫތު ލީގު ކާމިޔާބުކޮށް އީގަލްސްގެ ސީނިއާ ޓީމަށް ޕްރޮމޯޓް ވުމުންނެވެ. އީގަލްސްގައި ހަތް ސީޒަން ހޭދަކުރުމަށް ފަހު 2023 ގައި މާޒިޔާއަށް ބަދަލުވެ، އެ ޓީމާއެކު ދިވެހި ފުޓްބޯޅައިގެ ހުރިހާ މުހިންމު މުބާރާތެއް އޭނާ ކާމިޔާބުކުރި އެވެ. މިއީ ހަންނަ ރާއްޖޭގެ އުއްމީދީ ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭކަން ކަށަވަރުކޮށްދިން ދުވަސްވަރެވެ.
މާޒިޔާގައި 3 އަހަރު ހޭދަކުރުމަށް ފަހު މި ސީޒަންގައި ހަންނަ ވަނީ ދިވެހި ފުޓްބޯޅައިގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބު ކަމަށްވާ ނިއުރޭޑިއަންޓަށް ބަދަލުވެފަ އެވެ. ނިއުރޭޑިއަންޓަށް ބަދަލުވެ ހަންނަ އަންނަނީ ތަފާތު ދައްކަމުންނެވެ. މިހާތަނައް މޮޅެތި ގޯލު ޖަހައި، މުހިންމު އެސިސްޓްތައް ދީފައިވާއިރު އޭގެތެރެއިންވެސް ހަންނަ މިސީޒަންގައި ޓީސީ ކޮޅަށް ޖެހި ގޯލު ފާހަގަކުރެވެއެވެ. އެ ޑައިވިން ހެޑާ އަކީ މި ސީޒަން ގައި ދިވެހި ފުޓްބޯޅައިން ފެނުނު އެންމެ ހިތްގައިމު ގޯލެވެ. އައްޑޫ އަށް އުފަން ހަންނަ މިހާރު ދައްކަނީ އޭނާގެ ކެރިއަރުގައި އެންމެ މޮޅު ކުޅުން ކަމަށް ގިނަބަޔަކު ފާހަގަކުރެއެވެ.
ހަންނަ މި ސީޒަނުގައި ދައްކާ ކުޅުމަށް ބައިނަލްއަގުވާމީ ސަމާލުކަން ވެސް މިހާރު ވަނީ ލިބިފައެވެ. މިގޮތުން އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗެއްގައި ތަޖިކިސްތާނާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗަށް ފަހު، ތަޖިކިސްތާން ގައުމީ ޓީމުގެ ކޯޗު ވަނީ ހަންނަގެ ހުނަރު ފާހަގަ ކޮށްފައެވެ. ދިވެހި ޓީމާ ބެހޭގޮތުން ސުވާލުކުރުމުން، އޭނާ ވަނީ ހަންނަގެނަން ފާހަގަކޮށް ތައުރީފުކޮށްފަ އެވެ. ތަޖިކިސްތާނު ކޯޗު ބުނެފައިވަނީ ބޭރުގެ ކޮންމެ ފުޓްބޯޅަ ޓީމަކަށް ވެސް ކުޅުމުގެ ފެންވަރު ހަންނަ ކިބައިގައި ހުރިކަމަށެވެ. އެހެން ގައުމެއްގެ ގައުމީ ޓީމުގެ ކޯޗެއްގެ ފަރާތުން މިފަދަ ތައުރީފެއް ލިބުމަކީ ހަންނަގެ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު ނިއުރޭޑިއަންޓާއެކު ހަންނަ މި ދައްކަމުންދާ މޮޅު ކުޅުމާއެކު ، ހައްނަ އަކީ މިސީޒަންގައި ރާއްޖޭގެ އެންމެ މޮޅުކުޅުންތެރިޔާ ކަމަށް ގިނަބަޔަކު ގަބޫލުކުރެެއެވެ.






